ޤާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮންނަންވާނީ ސީދާ ރައްޔިތުންނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދާއިރު، ނަޝީދު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށްކަމަށް އެމަނިކުފާނަށް ލަފާކުރެއްވޭ ކަމަށެވެ.

Ad
rt

ނަމަވެސް، ޤާނޫނުއަސާސީ ބަދަލު ކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށާއި، އަދި ޤާނޫނުއަސާސީ ބަދަލު ކުރުމުގެ ބާރު އޮންނަންވާނީ ސީދާ ރައްޔިތުންނަށް ކަމަށް ނަޝީދު ވިދާޅުވެފަވެއެވެ.

މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މިދިޔަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.

އަލީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ނަޝީދުގެ ދަ ޑިމޮކްރެޓިސް އިން ވެސް އެ މައްސަލައިގެ ތެރެއަށްވަންނާނެކަމަށް ކުރިން ބުންޏެވެ. އަދި އެ މައްސަލައިގެ ތެރެއަށް ވަންނުމަށް ހުށަހެޅުމަށްފަހު، އެ ޕާޓީން ވަނީ އެކަމުގައި ކުރިއަށް ނުދާން ނިންމާފައެވެ.

އެ ޕާޓީގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ވިދާޅުވެފައެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އަޑުއެހުންތަކުގައި ދައުލަތުން ބުނަމުން ދިޔަޔަސް, އެ މައްސަލަ މިވަގުތު ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.