ހއ. އިހަވަންދޫގެ ބަނދަރު އަޕްގްރޭޑް މަސައްކަތް އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝިފާއު އެހެން ވިދާޅުވީ ހުކުރުދުވަހުގެ ހެނދުނު ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕުރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އިހަވަންދޫގައި މިހާރުވެސް ބޮޑު ބަނދަރެއް އޮންނަކަން މެމްބަރު ޝިފާޢު ފާހަގަ ކުރެއްވިއެވެ. ޝިފާއު ވިދާޅުވީ ބަނދަރުގެ ދަތިކަން އިހަވަންދޫގައި ވަރަށް ބޮޑު ކަމަށާއި، އެ ރަށަކީ ބޮޑެތި ގިނަ މަސްއޮޑިފަހަރު ހުރި ރަށަކަށްވެފައި މިހާރު އޮތް ބަނދަރުން ރައްޔިތުންނަށް ފުރިހަމަ ޚިދުމަތް ހޯދުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ.

ޝިފާޢު ވިދާޅުވީ ބަނދަރުގެ މަސައްކަތުގައި ރައްޔިތުން ބޭނުންވާ ގޮތާއި، ސަރުކާރަށް އެކަން ކުރެވެން އޮތްގޮތާއި މެދު ވާހަކަ ދެކެވި، ސަރުކާރުން އަދި ރައްޔިތުންގެ ފަރާތުން ބައެއް ދޫދިނުންތަކާއެކު މިދިޔަ ހަފުތާތަރޭ ދެފަރާތުންވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ދިގުލައިގެން ދިޔައީ ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތާއި، ރައްޔިތުން އެ މަސައްކަތް ކުރަން ބޭނުންވި ގޮތާއިމެދު ޚިޔާލު ތަފާތުވުންތަކެއް ހުރުމުންނެވެ.

މިހާރު ބަނދަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ އީއައިއޭ ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށާއި، ކުރިއަށް އޮތް ފެބުރުއަރީ މަހުގެ ތެރޭގައި އިހަވަންދޫގެ ބަނދަރުގެ މަސައްކަތް ފެއްޓޭނެ ކަމަށް ޝިފާޢު ވިދާޅުވިއެވެ.

އެ މަސައްކަތްވަނީ އެމްޓީސީސީއާ ހަވާލުކުރެވި މޮބިލައިޒްކުރެވިފައިވާ ކަމަށާއި، މަސައްކަތަށް ބޭނުންވާ ތަކެތިވެސް އިހަވަންދޫގައި ހުރި ކަން މެމްބަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މެމްބަރު ޝިފާޢު އިތުރަށް ވިދާޅުވީ އިހަވަންދޫގެ މަސްވެރިންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ފަހިކޮށްދޭން ޖެހޭކަމަށާއި، މިހާތަނަށް އައިއިރު ސަރުކާރުން އިސްކަމެއް ދެއްވައިގެން އައިސްޕުލާންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އިހަވަންދޫގައި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއަށް ކަނޑައަޅާފައި ވަނީ 51.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ މަޝްރޫއު ފުރިހަމަކުރަން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 400 ދުސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން އިހަވަންދޫ ބަނދަރުގެ އެއްގަމު ތޮށި ބޮޑުކުރުމާއި، ބަނދަރުގެ ބޭރު ތޮށި އިތުރަށް ބޭރަށް ޖެއްސުން ހިމެނެއެވެ.

ބަނދަރު އަޕުގުރޭޑުކުރެވިގެންދާއިރު، އިހަވަންދޫ ބަނދަރުގެ ބޭރު ތޮށީގައި 284 މީޓަރުގެ ހުންނަ އިރު، އެއްގަމު ތޮށީގައި ހުންނާނީ 95 މީޓަރު ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއު ހިންގުމަށްވަނީ 26 އޮގަސްޓު 2019 ގައި އެމް.ޓީ.ސީ.ސީއާއެކު ކޮންޓްރެކްޓްގައި ސޮއިކޮށްފައެއެވެ. މަސައްކަތަށް ބޭނުންވާ ވެހިކަލްތަކާއި ބައެއް މެޝިނަރީޒް އެމް.ޓީ.ސީ.ސީ އިން ވަނީ 2019 އޮކްޓޯބަރ 2 ވަނަ ދުވަހު އިހަވަންދޫއަށް ގެންގޮސްފައެވެ.