މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ނައިޖީރިއާގެ ރައްޔިތެއް މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނީ މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީ ގައިދީއަކު މިއަދު މަރުވެފައިވާ ކަމަށެވެ.

Ad
rt

ކަރެކްޝަންސް އިން މައުލޫމާތުދިން ގޮތުގައި މަރުވެފައި ވަނީ ނައިޖީރިއާގެ ރައްޔިތެއްކަމަށްވާ އުމުރުން 35 އަހަރުގެ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ކިޔާ ގައިދީ އެކެވެ.

ކަރެކްޝަންސް އިން ބުނީ މިއަދު ހަވީރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުނީކަމަށެވެ. އަދި އޭނާ ވެއްޓުމުން ވަގުތުން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު، 4 މިނެޓްތެރޭ މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފެށިކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

''ޑޮކްޓަރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ މަރުވެފައިވާކަމަށް ކަނޑައަޅާފައި ވަނީ 17:20 ހާއިރު'' ކަރެކްޝަންސް އިން ބުންޏެވެ.

މަރުވި ގައިދީ، އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ އަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. މީނާއަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާހޯދަމުން އަންނަ މީހެއް ނޫންކަމަށް ވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ މަރުވުމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ޕްެރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގާފައެވެ.