ހއ.އަތޮޅު ކައުންސިލުން އެއަތޮޅުގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާކުރުމާއި އަތޮޅުގެ ސްކޫލްތަކުގައި ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް މިއަދު ހެނދުނު ހއ. ދިއްދޫގައި ބާއްވައިފި އެވެ.
މިއަދު ހެނދުނު 9:30 ގައި ހއ. ދިއްދޫ ބަނދަރު ސަރަޙައްދުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރަށުކައުންސިލްތަކަށް ބަގީ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. އަދި ރަށު ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ރަށުކައުންސިލްތަކުގެ ރައީސުންނެވެ.
މީގެއިތުރުން، ސްކޫލްތަކުގެ ސްޓަޑީ ކޭންޕު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ވެސް އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. އަދި ހއ. އަތޮޅުގެ ސްކޫލްތަކުގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްތަކުގެ ޕްރިންސިޕަލުންނެވެ.

މި ރަސްމިއްޔާތުގައި މަރުޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ހއ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުއްލަޠީފް ޙަސަނެވެ. އަދި މުރައިދޫ ކައުންސިލްގެ ރައީސް އަދި ހއ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ ވާހަކަފުޅާއި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސްގެ ވާހަކަފުޅު ވެސް މި ރަސްމިއްޔާތުގައި އިއްވާފައިވެއެވެ.
އަތޮޅު ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ ޤާނޫނަކީ ހއ. އަތޮޅު ރައްޔިތުން ވަރަށް ފަރިތަ ޤާނޫނެކެވެ. އަދި ލާމަރުކަޒީ ޤާނޫނަށް އަހުލުވެރި މިންވަރު ދައްކުވައިދޭ ސަބުއިންޑެކްސިން ވިދިވިދިގެން 4 އަހަރު އެވޯޑް ޙާޞިލްކުރެވިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންނާ ގާތުން މިހާރު ދޭ ޚިދުމަތްތަކުގެ އިތުރުން، އިތުރު ޚިދުމަތްތައް ވެސް ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައި ދެއްވުމަކީ މުހިއްމު ކަމެއްކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތަކީ ހއ. އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށް އަތޮޅު ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ރަސްމިއްޔާތެކެވެ. މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށަކަށް ބަގީއެއް ލިބުމާއެކު، ރަށްރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
މި ރަސްމިއްޔާތުގައި ހއ. އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ސެކްރެޓަރީ ޖެނަރަލުންނާއި، ހއ. އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންގެ އިތުރުން ހއ. ދިއްދޫގެ މުވައްސަސާތަކުގެ ވެރީންނާއި ހއ. އަތޮޅު ކައުންސިލްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!