މާލޭގެ ދެ ބޮންޑެޑް ވެއާހައުސްއަކުން ގަވައިދާ ޚިލާފަށް ސިނގިރޭޓު ނެރުނު މައްސަލާގައި 67 މިލިއަން ރުފިޔާ ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މަސައްކަތް ފަށައިފިއެވެ.
ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އެގްޒޮޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސް" އާއި "އެސްޖީއެމް ބޮންޑެޑް ވެއާހައުސް" އިން ގަވައިދާ ޚިލާފަށް ސިނގިރޭޓު ނެރެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިގޮތުން "އެގްޒޮޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސް" އިން ކެމަލް ޔެލޯ، އެމެރިކަން ލެޖެންޑް އަދި މެންޗެސްޓާ ބްރޭންޑުގެ ޖުމުލަ 575 ކޭސް ސިނގިރޭޓު ގަވައިދާ ޚިލާފަށް ނެރެފައިވާކަން ފާހަގަކުރެވިފައިވާއިރު، އަދި "އެސްޖީއެމް ބޮންޑެޑް ވެއާހައުސް" އިން އެމެރިކަން ލެޖެންޑް ބްރޭންޑްގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލަސަސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވައިދާ ޚިލާފަށް ނެރެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ކަސްޓަމްސްއިން ބުނެފަވެއެވެ.
މި މައްސަލައާ ގުޅިގެން، އެ ދެ ބޮންޑެޑް ވެއާހައުސްގެ ރަޖިސްޓްރީ ބާތިލުކޮށް، ޖުމުލަ 67.9 މިލިއަން ރުފިޔާ ހޯދުމަށް ޝަރީއަތް މެދުވެރިކޮށް މަސައްކަތްކުރުމަށް ބަންޑާރަނައިބުގެ އޮފީހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން، ބޮންޑެޑް ވެއާހައުސް ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި ކަސްޓަމްސްގެ އާންމު ގަވައިދަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މީގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއާހައުސްތަކުގައި ނުބެހެއްޓޭގޮތަށާއި، މީހުން ދިރިއުޅޭ އިމާރާތެއްގައި ނުވަތަ އިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއާހައުސް ނުހެދޭގޮތަށް ބަދަލުތައް ގެނެސްފައިވެއެވެ.
މި މައްސަލަ މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަހުގީގުކުރަމުންދާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!