ޔުކްރެއިންގެ ހަނގުރާމަ ނިންމުމާ ގުޅޭގޮތުން ޓްރަމްޕް ޕުޓިންއާ ވާހަކަދައްކައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ޔުކްރެއިންގެ ހަނގުރާމަ ނިންމުމާ ގުޅޭގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިންއާ ފޯނުން ވާހަކަދައްކަވާފައިވާ ކަމަށެވެ. މިއީ 2022 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އެމެރިކާގެ ރައީސަކާއި ޕުޓިންއާ ދެމެދު ސީދާ ބޭއްވުނު ކަމަށް އެނގިފައިވާ ފުރަތަމަ މުޢާމަލާތެވެ.

Ad
rt

ނިއު ޔޯކް ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ ޕުޓިންއާއެކު ކިތައް ފަހަރު ވާހަކަދެއްކެވިކަން ހާމަކުރައްވަން ރަނގަޅުނުވާނެ ކަމަށެވެ. އަދި ޕުޓިން ބޭނުންފުޅުވަނީ މީހުން މަރުވަމުންދާ މަންޒަރު ހުއްޓުވަން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ ޔުކްރެއިންގެ ހަނގުރާމަ ނިންމަވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް އެކަން ކުރައްވާނެ ގޮތެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. މިދިޔަ ހަފްތާގައި ޓްރަމްޕް ވިދާޅުވެފައިވަނީ މި ހަނގުރާމައަކީ ލޭއޮހޮރުވުމެއް ކަމަށާއި، އޭނާގެ ޓީމުން ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ.

ކްރެމްލިންގެ ޚަބަރު ފަތުރާ ފަރާތް ކަމުގައިވާ ދިމިޓްރީ ޕެސްކޮވް ވިދާޅުވެފައިވަނީ ވަރަށް ގިނަ މުވާސަލާތުތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މި މުވާސަލާތުތައް ތަފާތު ޗެނަލްތަކުން ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަންކަން ހުރެދާނެ ކަމަށް ވިދާޅުވެ، ނިއު ޔޯކް ޕޯސްޓުގެ ރިޕޯޓާ ގުޅޭގޮތުން ސީދާ އެއްޗެއް ވިދާޅުވުމަށް ޕެސްކޮވް ޖެހިލުންވެވަޑައިގަތެވެ.

ޔުކްރެއިންގެ އިރުމަތީ ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރުއެވެ.