މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ޤައުމުގެ އަމަން އަމާންކަމާއި، ލޯ އެންޑް އޯޑަރ ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ގެނެސްދިނުމަކީ ސަރުކާރުން ވަރަށް އިސްކަންދެއްވާ ކަމެއްކަމަށެވެ.
އެ ރޮނގުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތް ތާރީޚް ކަމުގައިވާ، 17 ނޮވެންބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް 27 ރަށުގައި ޕޮލިސް ސްޓޭޝަން ގާއިމުކޮށް ހުޅުވާފައިވާ ކަމަށެވެ.
މިގޮތުން ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިނުވާ 39 ރަށުގައި މިއަހަރު ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
''ނަތީޖާއެއްގެ ގޮތުން މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެ. މީގެ އިތުރުން 20 ރަށެއްގައި ޤާއިމުކުރެވިފައިވާ ފުލުހުންގެ ޚިދުމަތްދޭ ވަގުތީ ތަންތަނުގެ ބަދަލުގައި، ފުރިހަމަ ދާއިމީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސްގެ ވާހަކަފުޅުގައި ޤައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމަށް ކުރަށްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައިވާއިރު، އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ދެގުނަކޮށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާކަން ވަނީ ފާހަގަކުރަށްވާފައެވެ.
''ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް އެބަ ކުރިޔަށްދޭ. ކޯސްޓްގާޑުގެ އިތުރު މަރުކަޒުތައް ޤާއިމް ކުރުމަށް ޓަކާ ކުރަންޖެހޭ މަސައްކަތްތައް ވެސް ހަލުވި ދުވެލީގައި ކުރެވެމުން އެބަދޭ. ކޯސްޓްގާޑްގެ ސްޕެޝަލް އޮޕަރޭޝަންތަކަށް 'ސްޕެޝަލް ބޯޓް ސްކޮޑްރަން' 03 ނޮވެންބަރު 2024 ގައި ވާނީ އުފައްދައި، ޚިދުމަތަށް ނެރެފާ.'' ރައީސް ވިދާޅުވެފަވެއެވެ.
ޒަމާނީ އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށްޓަކާ އެމް.އެން.ޑީ.އެފް އެއަރ ކޯރ، 15 މާރިޗް 2024 އުފައްދާފައިވާކަން ފާހަގަކުރަށްވަމުން، އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ޚިދުމަތް ފެށުމުން، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރި ވަމުންދިޔަ ބޭރުގެ ގިނަ އުޅަނދުތަކެއް، އެ ވެހިކަލްތަކުގެ އެހީގައި، މިހާތަނަށް ވަނީ ހޯދިފައިކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރަށް ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެއަރ ސްޓޭޝަން ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، މިއަހަރުގެ ތެރޭގައި އެމް.އެން.ޑީ.އެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ވެސް ރައީސް ވިދާޅުވިިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!