ސްޕެނިޝް ކަޕް / ކޮޕަ ޑެލް ރޭ ކުއާޓާ ފައިނަލުގައި ރޭ ލެގަނޭސްއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އެ ޓީމްގެ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާ ޖެހި ލަނޑުން 3-2 ގެ ނަތިޖާއިން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުން ރެއާލް ޖާގަ ހޯދައިފިއެވެ.
ކުރިއަށް ވަރުގަދަ މެޗުތައް ހުރުމާއި އަދި އަނިޔާގެ މައްސަލަތަކާއި ގުޅިގެން ރެއާލުގެ ފުރަތަމަ އެގާރާގައި އާންމުކޮށް ކުޅޭ ގިނަ ކުޅުންތެރިން ރޭ މެޗުގެ ފުރަތަމަ އެގާރާގައި ނުހިމަނައެވެ. ނަމަވެސް އެ ޓީމުން މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ރެއާލުންނެވެ. ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ރޮޑްރިގޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މޮޑްރިޗް ޖެހިއިރު، ދެވަނަ ލަނޑު 25 ވަނަ މިނެޓުގައި ޖަހައިދިނީ އެންޑްރިކްއެވެ. ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލެގަނޭސްއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ހުއާން ކްރޫޒްއެވެ. މެޗުގެ ދެވަނަ ހާފުގައި ލެގަނޭސްއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ވެސް ޖެހީ ހުއާން ކްރޫޒްއެވެ.
މެޗު އެއްވަރުވެ އިތުރު ވަގުތު ކުޅެން ޖެހިދާނެކަމަށް ލަފާކުރެވުނު ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތިން މިނެޓްގެ ފަހު ވަގުތު ބްރަހިމް ޑިއާޒް ހުރަސްކުރި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގޮންޒާލޯ ގާސިއާ ޖެހި ލަނޑުން ރެއާލް ވަނީ މޮޅުވެފައެވެ. އޭނާ ކުޅެން ނުކުމެފައިވަނީ މެޗުގެ 82 ވަނަ މިނެޓުގައި އެންޑްރިކްގެ ބަދަލުގައެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު މިރޭ ކުޅޭނެއެވެ. މިރޭ ރާއްޖެ ގަޑިން 23:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ރެއާލް ސޮސިއެޑާޑްއާއި އޮސަސޫނާއެވެ. ކުއާޓާގެ ފަހު މެޗުގައި މިރޭ ދަންވަރު 01:30 ގައި ބާސެލޯނާ ނުކުންނާނީ ވެލެންސިއާ އާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!