ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހި އުންމަތުގެ ހާލާއި، މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަން ކަށަވަރުކުރުން ކަމަށެވެ.

Ad
rt

''ވަކިން ޚާއްޞަކޮށް ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުން. އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުން. އަދި އިސްލާމީ ޝަރީޢަތް ނަގަހައްޓާ، އިސްލާމީ އުސޫލުތައް ހިފަހައްޓާ ގައުމެއްގެ ގޮތުގައި ދެމިތިބުމަށް، ނުގުޑާ ޢަޒުމަކާއެކު ކެނޑިނޭޅި މަސައްކަތްކުރުން.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވިގޮތުގައި، މިކަންކަން ހާސިލް ކުރުމަށް ދިވެހީންގެ އިސްލާމީ އަޤީދާ ވަރުގަދަކޮށް، މާތްވެގެންވާ އިސްލާމްދީނާ މެދު، ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކޮށް އަދި އިސްލާމީ އަޚްވަންތަކަމުން މުޖުތަމަޢުގެ ގުޅުންތައް ބަދަހިކޮށް، އިސްލާމީ އަޚްލާޤުން މުޖުތަމަޢުގެ ސުލޫކު ޒީނަތްތެރިކުރުމަށް ޓަކައި ފާއިތުވި އަހަރު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ވަނީކޮށްފައެވެ.

އެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރިސާލަތު ޕްރޮގްރާމްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަރުމާކޮށް، މި ދިޔަ އަހަރު ހިންގާފައިވާކަން ފާހަގަކުރަށްވައި، މިއަހަރު ވެސް، އެ ޕްރޮގުރާމް މެދުކެނޑުމެއް ނެތި، ކުރިޔަށް ދާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މާތް މަޤުޞަދުގައި "ނަމާދު މަތިވެރިކުރުން" މި ނަމުގައި ވެސް މުހިންމު މަޝްރޫޢެއް ފަށާފައިވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިސްކިތްތަކާބެހޭ ޤައުމީ މަޖިލީސް އަލުން އުފެއްދިފައިވާކަން ފާހަގަކުރަށްވައި، މަޖިލީހުގެ ބައްދަލުވުންތައް ބާއްވައި، މިސްކިތްތަކުގެ ޙާލަތު ދަނީ ދުވަހުން ދުވަހަށް ބެލެމުން ބެލެހެއްޓެމުންކަމަށް ރައީސް ވިދާޅުވިއެވެ.

''ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު 7،868953.00ރ (ހަތްމިލިއަން އަށްލައްކަ ފަސްދޮޅަސް އަށްހާސްނުވަސަތޭކަ ފަންސާސް ތިންރުފިޔާ) މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ވާނީ ޚަރަދު ކުރެވިފާ. ހަމައެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދެވޭނެ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޒަކާތަކީ މާތްވެގެންވާ އިސްލާމް ދީނުގެ މުހިންމު އަނެއް ރުކުންކަން ފާހަގަކުރަށްވައި، ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށް ޓަކައި އުފެއްދުނު ޒަކާތު ހައުސްގެ ސަބަބުން ރައްޔިތުންނާއި ޤައުމަށް ލިބުނު މަންފާއަށް ބަލާއިރު، ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް މިހާރު ވަނީ ޤާއިމުކޮށްދޭން ފަށައިފައިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޒަކާތުގެ ނިޒާމު ލާބަހުރި ޒަމާނީ ގޮތެއްގައި ތަރުތީބުކުރުމަށް ޓަކައި ހަދަންޖެހޭ އުޞޫލުތަކާއި، ޤަވާޢިދުތައް އެކުލަވާލައި ފާސްކޮށް، ޒަކާތުގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިޔަށް ގެންދިޔުމަށް ޓަކާ ބޭނުންވާ ފަންނީ ޤާބިލުކަން ލިބިގަތުމަށް ޓަކާ، "އިންޒެކް" އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ބޭއްވިފައިވާކަން ފާހަގަކުރަށްވަމުން ރައީސް ވަނީ، ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާންފެށުމުން މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެކަމަށް ވިދާޅުވެފައެވެ.