އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޣައްޒާ ޕްލޭނަށް އދ އާއި ހަމާސްއިން ފާޑުކިޔައިފިއެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމަށްފަހު، އެ ސަރަހައްދު އެމެރިކާއިން ހިންގަން ބޭނުންވާ ކަމަށެވެ. އަދި އެ ސަރަހައްދު ތަރައްގީކޮށް "ދުނިޔޭގެ މީހުން" އެތަނުގައި ދިރިއުޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

މި ޚިޔާލާ ގުޅިގެން އދ.ގެ ފަލަސްތީނު ސަރަހައްދުގެ ޚާއްސަ ރެޕޯޓަރު ފްރަންޗެސްކާ އަލްބަނީސް ވިދާޅުވެފައިވަނީ ޓްރަމްޕްގެ މި ޕްލޭނަކީ "ގާނޫނާ ޚިލާފު، ނުބައި އަދި ވަރަށް ޒިންމާދާރުކަން ކުޑަ" ކަމެއް ކަމަށެވެ. އަދި މިއީ މީހުން ބަދަލުކުރުމުގެ "ބައިނަލްއަގުވާމީ ކުށެއް" ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އޭނާ ހުށަހެޅި ހުށަހެޅުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓްރަމްޕްގެ މި ޕްލޭނަކީ "ސަރަހައްދުގައި ހަމަނުޖެހުމާއި ގޯސްކަން އުފެއްދުމުގެ ނުސްޚާއެއް" ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުން މި ޕްލޭން ތަންފީޒުކުރިޔަ ނުދޭނެ ކަމަށް ވެސް ހަމާސްއިން ބުނެފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 47,552 މީހުން ޝަހީދުވެ، 111,629 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން އަދިވެސް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ފެންނަމުންދާ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.