ޤައުމަށްޓަކައި ޝަހީދުވި ބަތަލުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ އުޖާލާ މާދަމާއަކަށް ހިތްމަތްކުރުމަކީ އެންމެ އިސް ޤައުމީ ވާޖިބު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، ޝަހީދުންގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި ރައީސް ވިދާޅުވީ، ދިވެހީންގެ މިނިވަންކަމުިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރި ބަޠަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ، މި ވަޠަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިތްމަތްކުރުމަކީ ދިވެހި ރައްޔިތުންގެ އެންމެ އިސް ޤައުމީ ވާޖިބު ކަމުގައެވެ.
ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހަކީ ޝައުބާންމަހުގެ 1 ވަނަ ދުވަހެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނަށެވެ. އެއީ ދިވެހިތާރީޚުގައި މަޝްހޫރު ޢަލީ ރަސްގެފާނެވެ.
ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1ވަނަ ދުވަހުއެވެ. އެއީ މީލާދީން 1558 ވަނަ އަހަރުގެ މޭމަހުގެ 19ވީ ހޯމަ ދުވަހެވެ.
ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރެއްވީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980ވީ ހޮނިހިރު ދުވަހެވެ. ޝަހީދުންގެ ދުވަސް ފާހަގަކުރެވެނީ ދިވެހި ޤައުމިއްޔަތާއި ދިވެހިރައްޔިތުންގެ ދީނާއި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރެއްވުމަށް ޝަހީދުވެވަޑައިގެންނެވި އަބުޠާލުންގެ ހަނދާނާއި ޒިކުރާ އާކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!