މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ފުލުހުންނަށް ނާންގާ ކޯޓުތަކަށް ދިއުމަކީ ކޯޓުގެ ޝަރުތާ ހިލާފުވުން ކަމަށް ބުނެ އޭނާ ޖަލަށް ބަދަލުކުރަން ދައުލަތުން މިއަދު އެދުމުން ކްރިމިނަލް ކޯޓުން އެކަމަށް މިއަދު ދެކޮޅު ހަދައިފި އެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު، 2021 ގައި މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލަމްހާގެ މައްޗަށް ކުރާއިރު، ލަމްހާ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާ އެކު ގޭބަންދަށް ބަދަލުކޮށްފަ އެވެ.

Ad
rt

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ލަމްހާ ގޭބަންދަށް ބަދަލުކުރަން ނެރުނު އަމުރުގައި ގެއިން ބޭރަށް ދާނަމަ، ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ބުނާ ޝަރުތާ އޭނާ ހިލާފުވެފައިވާ ކަމަށެވެ. އެއީ މިދިޔަ ހޯމަ ދުވަހު ހައި ކޯޓުގައި އޮތް އަޑުއެހުމަށް އަދި މިއަދު ކްރިމިނަލް ކޯޓަށް ވެސް ލަމްހާ ދިޔައީ ފުލުހުންނަށް އެންގުމެއް ނެތި ކަމަށްވާތީ ކަމަށް ބުނެ އެވެ.

ނަމަވެސް ލަމްހާގެ ވަކީލް ވިދާޅުވީ ކޯޓަށް ހާޒިރުވުމަކީ ކޯޓުގެ އެންގުމެއް ކަމަށްވާތީ އެ ހާލަތުގައި ލަމްހާ އިސްވެ ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ނިންމެވީ ގޭބަންދުގެ އަމުރުގެ ޝަރުތަކާ ލަމްހާ ހިލާފުވެފައިނުވާ ކަމަށެވެ.

ނަމަވެސް ދައުލަތުން އެދުނީ ކޯޓަށް ހާޒިރުވާން ވެސް ފުލުހުންގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ. އެހެންވެ، ގާޒީ ވަނީ އެގޮތަށް ނިންމަވައިފަ އެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވި ކަމަށް މާވިން ފުރަތަމަ ބުނި ނަމަވެސް، އެއީ ގަސްތު މަރެއްކަން ފަހުން ހާމަވުމުން މާވިން މައްޗަށް ދައުވާ ކޮށްފައި، ވާއިރު ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެ އެވެ.