ދިވެހިރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

Ad
rt

ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ.

''މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، 2024 އޮކްޓޯބަރ 24 ވަނަ ދުވަހު ރާއްޖެއަށް އައި ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސްފައިވެއެވެ. އަދި 2024 އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ދިވެހިރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ.'' ފުލުހުން ބުނެފަވެއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މި މައްސަލައިގެ ތަހުގީގު ބިނާވެފައިވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނީ ލޯންޑްރިންގ ކުށެވެ.