ހދ.ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ "ހާލު ކިހިނެއް" ޕްރޮގްރާމްގައި ފާހަގަކުރެވުނު ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސޯސަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ފަށައިފިއެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެދަށުން ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

Ad
rt

މިނިސްޓްރީ އޮފް ސޯސަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން އިސްނަގައިގެން މި މަހުގެ 18 އިން 25 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި ކުޅުދުއްފުށި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއި އެކުއެވެ.

މި ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށި ސިޓީގެ 1300 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތް ކޮށް ހާލުބަލާފައިވާ ކަމުގައި މިނިސްޓްރީ އޮފް ސޯސަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ވަނީ ވިދާޅުވެފައެވެ.

މުޖުތަމައުގައި ތިބި ނާޒުކު ހާލުގައި ތިބި ފަރާތްތަކަށް މުވައްސަސާތަކުގެ ތެރެއިން ލިބެން ޖެހޭ އެހީތެރިކަން ލިބުމުގައި ހުރި ހުރަސްތައް ދެނެގަނެވި، އެފަރާތްތަކަށް ބޭނުންވާ ވަސީލަތްތަކާއި، މާލީ އެހީތެރިކަމާއި ކުރިމަތިވަމުންދާ ދަތި ހާލަތު ގެނެގަނެވި މުވައްސަސާތަކުގެ އެހީތެރިކަމާއެކު އެކަންކަން ހަމަޖައްސައިދިނުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

މި ޕްރޮގަރާމް މިހާތަނަށް މާލޭ ސިޓީގެ އިތުރުން، ހއ، ހދ، ނ، ރ، ބ، ޅ، ފ، ދ، ތ، ލ، ގއ، ގދ އަތޮޅުގެ ރަށްތަކުގެ އިތުރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ގެތަކަށް ޒިޔާރަތްކޮށްވަނީ ހާލު ބަލާ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ކުރައްވާފައެވެ.