އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު ހަނި ގޮތަކަށް ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

ނަތީޖާތައް ދަށްވުމުގެ ސަބަބުން ރޭ މެޗަށް ނުކުތްއިރު އެ ޓީމް އޮތީ ވެސް ޕޮއިންޓް ތާވަލުގެ 14 ވަނާގައެވެ. ނަމަވެސް ރޭ ލިބުނު ތިން ޕޮއިންޓާއިއެކު ޔުނައިޓެޑް ވަނީ 12 ވަނައަށް ޖެހިލާފައެވެ. ޔުނައިޓެޑަށް 23 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ. ރޭ ޔުނައިޓެޑް އަތުން ބަލިވި ފުލަމް މިވަގުތު އޮތީ ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް 23 މެޗުން ވަނީ 33 ޕޮއިންޓް ލިބިފައެވެ.

Ad
rt

ރޭ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް އިދިކޮޅު ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ވެސް ނުވެއެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު 78 ވަނަ މިނެޓްގައި ޔުނައިޓެޑަށް ޖަހައިދިނީ ޑިފެންޑަރ ލިސަންޑްރޯ މާޓިނޭޒްއެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާގެ ބޭރުން ލިބުނު ބޯޅަ ގޯލްގެ ތެރެއަށް އޮއްސާލައިގެންނެވެ. ޔުނައިޓެޑުން އުފެއްދި ހަމަލާ ފުލަމްގެ ކުޅުންތެރިން ދިފާއުކުރުމުން ރީބައުންސްވި ބޯޅަ އޭރިއާގެ ބޭރުން ލިބުނީ މާޓިނޭޒް އަށެވެ. އޭނާއާ ގޯލާ ދެމެދު ހުރަހަކަށް، ފުލަމްގެ ގިނަ ކުޅުންތެރިންތަކެއް ވެސް ތިއްބެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ އޮއްސާލާފައި ކީޕަރު ބޯމަތިން ގޮސް ގޯލްގެ ތެރެއަށް ވަނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގައި ނަސީބު ވެސް އެހީވި ކަމަށާއި، މި މެޗުން ލިބުނީ ޓީމަށް ވަރަށް މުހިންމު މޮޅެއް ކަމަށެވެ.