އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުން ލާޒިމުކަމެއް ކަމުގައި ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ސާފު ހަކަތައިގެ ދުވަހުގެ މުނާޞަބަތުގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖުގައެވެ.

Ad
rt

ރައީސްގެ މެސެޖުގައި ވަނީ ސާފު ހަކަތައިގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފައިސާގެ އެހީދޭ ބައިވެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން، ކުދި ޖަޒީރާ ޤައުމުތަކަށް ދޭ އެހީ، ކުރިއަށް އޮތް އަހަރުތަކުގައި އިތުރުކުރަން ޖެހޭކަމުގައި ވިދާޅުވެފައެވެ.

މި މެސެޖުގައި ރައީސް މުޢިއްޒު ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ހިރާސް ބޮޑު، ބިންތިރި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުމަށް ލާޒިމުކަމެއްކަމުގައި ވިދާޅުވެފައެވެ.

ރައީސް ވަނީ އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ޚާއްޞަކޮށް ސޯލަރ ޕަވަރ އިނީޝިއޭޓިވްސް ނުވަތަ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވިދާާޅުވެފައެވެ. އަދި 2028 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި ބޭނުން ކުރާ ކަރަންޓު ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ އަދުގެ ސަރުކާރުގެ އަޒުމެއްކަމުގައި ވިދާޅުވެފަވެއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވިގޮތުގައި ހަކަތައިގެ ގާނޫނާއި ހަކަތައިގެ ދާއިރާގެ މަގުޗާޓުގައި، ހަކަތައިގެ ސަޕްލައި އަކީ އެކަށީގެންވާ، އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒެވެ.

ރައީސްގެ މެސެޖުގައި ވަނީ އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ދާއިރާގައި، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއިން މުހިންމު ދައުރެއް އަދާކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ވަނީ މި މަސައްކަތުގައި ދެމިތިބުމަށް އެ ފަރާތްތަކަށް ހިތްވަރު ދެއްވާފައެވެ.