ހިރިޔާ ސްކޫލްގެ ޕީޓީއޭ އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ޕީޓީއޭ ސްޕޯޓްސް ފެސްޓިވަލްގެ ފުޓްސަލް މުބާރާތުގެ މެޗެއް ކުޅުނު ބެލެނިވެރިޔަކު ކުއްލިގޮތަކަށް މިރޭ ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އެ ސްކޫލްގެ ގްރޭޑް 10ގެ ބެލެނިވެރިއެއްކަމަށްވާ އަހްމަދު ޝަރީފް، ދަފުތަރު ނަންބަރު ރސ 12602/މާލެ އެވެ.

Ad
rt

އުމުރުން 56 އަހަރުގެ އަހްމަދު ޝަރީފް ނިޔާވެފައި ވަނީ މިއަދު ފެށި ހިރިޔާ ބެލެނިވެރިންގެ ފުޓްސަލް މުބާރާތުގައި މިރޭ ގްރޭޑް 2 އާއި ގްރޭޑް 10 ބައްދަލުކުރި މެޗު ނިމުނުފަހުންނެވެ.

އެވަގުތު އެތަނުގައި ހުރި ބެލެނިވެރިއަކު ''ތިލަދުން'' އަށް މައުލޫމާތުދިން ގޮތުގައި މެޗު ނިންމުމަށްފަހު ރެފްރީއާއި ވާހަކަދައްކަން ހުއްޓާ އަހްމަދު ޝަރީފް ކުއްލިއަކަށް ވެއްޓުނީއެވެ.

މައުލޫމާތު ލިބޭގޮތުގައި އަހްމަދު ޝަރީފް ވެއްޓުމުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ.

ނަމަވެސް މިކަމާއި ގުޅޭ ގޮތުން ރަސްމީ ފަރާތަކުން އަދި މައުލޫމާތެއް ހާމައެއްނުކުރެއެވެ.

އަހްމަދު ޝަރީފްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާ ހުކުރު ނަމާދަށްފަހު މާލޭގެ އާސަހަރާ މިސްކިތް (މަސްޖިދުއް ތަޢާވުނި) ގައެވެ.