ހއ. ހޯރަފުއްޓަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ ޅ. ހިންނަވަރު / ނަބީޒްގެ، އަޙްމަދު އަބޫބަކުރު (45އ) އާއި ހއ. ހޯރަފުށި / މާވާގެ، އަޙްމަދު ރަމީޒް (36އ) އެވެ.

Ad
rt

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ހޯރަފުށީ މަގުމަތިން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހޯރަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނާ ގޮތުގައި މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 46 ގްރާމުގެ އެއްޗެއް ވަނީ އެ މީހުންގެ އަތުން ފެނިފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ފަސްދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ގެންދަނީ ހޯރަފުށި ޕޮލިސް ސްޓޭޝަނުންނެވެ.