ރ. ފައިނުގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފައިނަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައި ރައީސް ވިދާޅުވީ، ފައިނު އެއާޕޯޓުގެ މަސައްކަތް ކުރުމަށް ފެބްރުއަރީ މަހު އެމްޓީސީސީއާ އެކު އެއްބަސްވުމަށް ނިންމަވާފައިވާކަމަށެވެ.

Ad
rt

މީގެ އިތުރުން ފައިނު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިނާއި އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެރަށުގައި އެއާރޕޯޓެއް އެޅުމަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޭނުންވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފައިނު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައި ރައީސް އިތުރަށް ވިދާޅުވީ، މަސައްކަތްކުރައްވާނީ، މިއަދު އެރަށުގައި އިފްތިތާޙުކުރެވުނު ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތަށް ހުއްޓުމެއް ނާންނާނޭ ގޮތަށް އެއާޕޯޓު އެޅުމަށް ބޭނުންވާ ޖާގަ ހޯއްދަވައިގެން ކަމަށެވެ.

ފައިނު އެއާޕޯޓަކީ އެ ރަށާއި އެ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް އޮތް ފުރުޞަތެއް ކަމަށާއި، މިއީ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވެގެންދާނޭކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ދެން އެރަށަށް ވަޑައިގަންނަވަން އުންމީދުކުރައްވަނީ އެއާޕޯޓު ހުޅުވުމަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ފައިނުގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލް އިދާރާ މެދުވެރިކޮށް ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އާއި އެ ރަށު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.