ރ. ކިނޮޅަހުގައި ކުޑަކުދިންގެ ޕާކަކާއި ރައްޔިތުން އެދޭ ފެންވަރުގެ ފުޓްސަލްދަނޑަކާއި ވޮލީ ކޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކިނޮޅަހަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ.
ރައީސް މިއަދު އެރަށަށް ވަޑައިގެންނެވުމުން އެރަށުގެ ކުޑަކުދިންތަކެއް ވަނީ އެމަނިކުފާނުގެ އަތްޕުޅަށް ނޯޓު އަރުވާފައެވެ. މި ނޯޓުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އާބާދީގެ ކުޑަބޮޑުމިނުގެ ނިސްބަތުން އެއްވެސް ތަފާތެއް ނެތި، ކުޑަކުދިންނަށް ކުޅެވޭނޭ ޕާކުތައް ހެދުމަކީ ޙަޤީޤަތުގައި ތަރައްޤީ ގެނެސްދިނުމުގައި ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި ވަށާޖެހޭ ތަރައްޤީއަކީ މި ސަރުކާރުގެ ސިޔާސަތުކަން ހާމަކުރައްވައި، ކިނޮޅަހުގެ ތުއްތުކުދިން ބޭނުންވާ ޕާކު މިއަހަރު ތެރޭ ތަރައްޤީކޮށްދެއްވާނޭކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކިނޮޅަހު ރައްޔިތުން އެދޭ ފެންވަރުގެ ފުޓްސަލްދަނޑަކާއި ވޮލީ ކޯޓެއް މިއަހަރު ޤާއިމުކޮށްދެއްވާނޭކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިނޮޅަހުގެ ތަޢުލީމީ ބިނާރާއި ވަޞީލަތްތައް ތަރައްޤީކޮށް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް، ސްކޫލާއި، ކައުންސިލާއި ތަޢުލީމީ ވުޒާރާ ގުޅިގެން މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، ޞިއްޙީ ދާއިރާގައިވެސް ތަރައްޤީގެ މަސައްކަތްތަކެއް ހިންގަވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަމިއާއިއެކު މިއަހަރު ތެރޭ އެރަށުގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ފައްޓަވާނޭކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަފުޅުގައި ވަނީ ކިނޮޅަހު ރައްޔިތުން ތަޞައްވަރުކުރާ ލާސާނީ ލޯކަލް ޓޫރިޒަމް ކޮންސެޕްޓް، ކަނޑައަޅާފައި އޮތް ސަރަހައްދުގައި ފެއްޓުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، އެ ސަރަހައްދަށް ފެނާއި ނަރުދަމާގެ އެކްސްޓެންޝަންގެ މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުފައެވެ.
މީގެ އިތުރުން، މުޅި ރާއްޖެއަށް ޝާމިލުވާގޮތަށް އެކި ސަރަޙައްދުތަކަށް ބަހާލައިގެން، މި ދައުރުގައި ޕަބްލިކް ލައިބްރަރީ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!