މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓަމުން ދަނީ ޤާނޫނީގޮތުން މަނާކުރެވިފައިވާ ތަކެތި ކަމަށާއި، ޤާނޫނީގޮތުން ރާއްޖެ އެތެރެކުރުން މަނާނޫން މުދަލާއި ތަކެތި ވެސް ދޫކުރަމުންދާނެކަމަށް އެ އިދާރާއިން ބުނެފިއެވެ.
ކަސްޓަމްސް އިން މިފަދައިން ބުނީ، ރާއްޖެގެނައި ރޯލިންގ ޓޮބޭކޯ ޝިޕްމަންޓުތަކެއް ކަސްޓަމްސުން ހިފަހެއްޓުމަށްފަހު ދޫކޮށްލި ކަމަށް ބުނެ މީޑިޔާތަކުގައި ދައުރުވަމުންދާ ޚަބަރުތަކާއި ގުޅޭގޮތުން އެ އިދާރާގެ މީސްމީޑިއާގެ މަންސަތަކުގައި ކުރި ޕޯސްޓެއްގައެވެ.
ކަސްޓަމްސް އިން ބުނީ އެ އިދާރާއަކީ ތަންފީޒީ އިދާރާއެއް ކަމަށެވެ. އެހެންވެ، ކަސްޓަމްސުން ހިފަހައްޓާނީ ޤާނޫނަކުން ރާއްޖެ އެތެރެކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ތަކެތިކަން އެ އިދާރާއިން ފާހަގަކޮށްފައި ވެއެވެ.
''ރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލެއްވެސް ކުލިއަރކުރާ މަރުހަލާގައި، ކަސްޓަމްސުން ބަލަންޖެހޭ އެކި އެކި ބެލުންތައް ބެލުމަށްފަހު، އެމުދަލެއް ޤާނޫނީގޮތުން ރާއްޖެ އެތެރެކުރުން މަނާނުވާ ނަމަ އެމުދަލެއް ދޫކުރަމުންގެންދާނެއެވެ.'' ކަސްޓަމްސްއިން ބުނެފަވެއެވެ.
ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުން ކަސްޓަމްސްއާއި މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭ ހިމެނިގެން ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ މުދާ، ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ވަގުތުން ފެށިގެން އެ މުދަލެއް ދޫކޮށް ނިމެންދެން ނުވަތަ އެހެންވެސް ކަސްޓަމްސްގެ އިޖުރާއަތެއްގެ ދަށުން ޢަމަލުކޮށް ނިމެންދެން ހުންނާނީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައެވެ. އަދި އެ ޤާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލާއި، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދަލާއި، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ މުދާ، ބަލައި ފާސްކުރާނީ ކަސްޓަމްސްއިންނެވެ. މިގޮތުން މުދަލުގެ ޑިކްލަރޭޝަންއާއި މުދަލާ ދިމާވޭތޯއާއި، ޤާނޫނީ ގޮތުން ރާއްޖެއަށް އެތެރެކޮށް ބޭރުކުރުން މަނާ އެއްޗެއް ހުރިތޯ ބަލައި ފާސްކުރާނީ ކަސްޓަމްސްއިންނެވެ.
މީގެ އިތުރުން ޤާނޫނާއި ގަވާއިދާ ޚިލާފު ތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވުމަށްޓަކައި، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އުޅަނދުފަހަރާއި، ރާއްޖެއިން ފުރާ އުޅަނދުފަހަރު ޚާއްޞަ ގޮތެއްގައި ބަލައި ފާސްކުރުމާއި، ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ މީހުންނާއި، ރާއްޖެއަށް ގެންނަ އަދި ރާއްޖެއިން ގެންދާ ތަކެތީގެ ތެރެއިން ޝައްކުކުރެވޭ ތަކެއްޗާއި މީހުން ބަލައި ފާސްކުރުމާއި، ރަސްމީ ވިޔަފާރި ބަނދަރުތަކުގައި ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަގުފަހިކުރުމަކީ ކަސްޓަމްސްގެ އެއް މަޤްޞަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!