ކ. ކާށިދޫ ބާ ހުކުރު މިސްކިތުގެ ތެރެއިން ފެނުނު އާސާރީ ތަނެއް ދިރާސާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއި ތަރިކައާ ބެހޭ ވުޒާރާ ން މިއަދު ބުނީ ކ. ކާށިދޫ ބާ ހުކުރު މިސްކިތުގެ ތެރެއިން ފެނުނު އާސާރީ ތަނެއްގެ ތަރަހަ ދިރާސާ ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ.
މި ތަނަކީ 2020 ވަނަ އަހަރު ފެނިފައިވާ ތަނެކެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ހިނގާ 2025 ވަނަ އަހަރުގެ ޖަނަވަރީ 12 ން 24 އާ ދެމެދު އެ ސަރަހައްދު ދިރާސާ ކުރުމުގެ ފުރަތަމަ މަސައްކަތް ކުރިޔަށްދާނެއެވެ.
މި ދިރާސާ ކުރިއަށް ގެންދަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި، ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އާއި ދިވެހިބަހުގެ އެކެޑަމީ އަދި މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ ގުޅިގެންނެވެ.
މި ޕްރޮގްރާމުގައި ސަގާފީ ތަރިކަ ރައްކާތެރިކުރަާ ޤައުމީ މަރުކަޒުގެ މުވައްޒަފުންގެ އިތުރަށް ދިވެހިބަހުގެ އެކަޑަމީގެ މުވައްޒަފުންނާއި، މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭގެ ޓީމާއި ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އިން މާސްޓާސް އިން ދަ އަރޓްސް އޮފް އެފްރިކާ، އޯޝަނިއާ އެންޑް ދަ އެމެރިކާސް ވިތު ސެއިންސްބަރީ ރިސާޗް ޔުނިޓް ކިޔަވަމުންގެންދާ ދިވެހި ދެ ދަރިވަރުން ބައިވެރިވެއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ދިރާސީ މަސައްކަތުގެ ތެރޭގައި ފަންނީގޮތުން ބިމުގެ އަޑީގައި ހުންނަ އާސާރީ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތާ، އެކަމުގެ އަސާސީ މިންގަނޑުތައް ބައިވެރީންނާ ހިއްސާކުރާނެއެވެ.
މިތަން ދިރާސާ ކުރުމުގެ މަސައްކަތް ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!