އީރާނުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ބަޑިޖަހާ މަރާލައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު އީރާނުގެ ސުޕްރީމް ކޯޓަށް މީހަކު ވަދެ، ފިސްތޯލައެއް ބޭނުންކޮށްގެން އިސް 2 ފަނޑިޔާރުން މަރާލައިފާވާއިރު، މި ހާދިސާގައި އިތުރު އެކަކަށް ވަނީ ޒަޚަމްތަކެއް ލިބިފައެވެ.

Ad
rt

މަރާލެވުނު ފަނޑިޔާރުންނަކީ ހޮއްޖަތުލް އިސްލާމް ރަޒީނީ އާއި ހޮއްޖަތުލް އިސްލާމް މުސްލިމީން މޮޣީޝެހްއެވެ.

ޝަރުއީދާއިރާގެ ތަރުޖަމާނު އަސްޣަރު ޖަހާންގީރު ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ ހެނދުނު 10:00 ގައެވެ. އޭނާ ވިދާޅުވި ގޮތުގައި ޕިސްތޯލައެއް ހިފައިގެން ދެ ފަނޑިޔާރުންގެ އޮފީހަށް މީހަކުވަނެވެ.

މި ދެ ފަނޑިޔާރުންނަކީ ސަލާމަތީ މައްސަލަތަކާއި އެހެނިހެން މުހިންމު މައްސަލަތައް ބެއްލެވުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންކަމަށް ޖަހާންގީރު ވިދާޅުވިއެވެ. މީގެ ތެރެއިން ރަޒީނީއަކީ 1998 ވަނަ އަހަރުވެސް އަވަހާރަކޮށްލަން މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ.

ޝަރުއީދާއިރާއިން ބުނި ގޮތުގައި މިއީ ރޭވިގެން ހިންގި ޓެރަރިސްޓް ހަމަލާއެކެވެ. މި ހަމަލާ ދިނުމަށްފަހު އެ މީހާ ވަނީ އަމިއްލައަށް ފުރާނަ ދުއްވާލާފައެވެ. ނަމަވެސް މި ހަމަލާއާ ގުޅުން ހުރި ފަރާތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފުލުހުންގެ ތަޙުޤީޤުން ދައްކާ ގޮތުގައި މި ހަމަލާދިން މީހާއަކީ ސުޕްރީމް ކޯޓުގައި މައްސަލައެއް އޮތް މީހެއް ނޫނެވެ. އަދި މަރާލެވުނު ފަނޑިޔާރުންނާ ގުޅުމެއް ހުރި މީހެއްވެސް ނޫނެވެ.

ޖަހާންގީރު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރު ޒައިއޮނިސްޓުންނާއި ސަރުކާރާ ދެކޮޅު ގްރޫޕްތަކާއި ޖާސޫސުންނާއި ޓެރަރިސްޓުންނާ ގުޅުން ހުރި ގިނަ ބަޔަކު ވަނީ ދެނެގަނެވި، ޝަރީއަތްކުރެވިފައެވެ. މީގެ ތެރޭގައި މުޖާހިދީން-އެ-ޚަލްޤް އޯގަނައިޒޭޝަން (އެމްއީކޭ) އާ ގުޅުން ހުރި މީހުންވެސް ހިމެނެއެވެ. އެމްއީކޭ އަކީ މިހާރު އަލްބޭނިއާގައި މަރުކަޒުކޮށްގެން ހަރަކާތްތެރިވާ ގްރޫޕެކެވެ.