އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރަށްވައިފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަމާސް އަދި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކާ ކައިރިވެފައިވާކަމަށް މަސްދަރުތަކުން ފުރަތަމަ ބުނީ އިއްޔެއެވެ.

Ad
rt

އިސްރާއީލުން، ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލަން ނިންމުމާއި ގުޅިގެން، އެ މަނިކުފާނުގެ ޝުޢޫރުފާޅުކުރައްވައި "އެކްސް" މެދުވެރި ކުރައްވައި ރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ހަމަލާތައް ހުއްޓާލުމަކީ ހިތްޕުޅަށް ލިބިވަޑައިގަތް ހަމަޖެހުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

މިކަމާއި ގުޅިގެން ރައީސް ވަނީ، ޣައްޒާއަށް ދޭ ހަމަލާތައް މެދުކަނޑާލަން ނިންމަން މެދުވެރި ވެދިން ފަރާތްތަކުން ކުރި މަސައްކަތް ފާހަގަ ކުރައްވައި، އެ ފަރާތްތަކުގެ އަގު ވަޒަންކުރައްވާފައެވެ.

ރައީސް ވަނީ މި ހަމަލާތައް ހުއްޓާލުމަށް ނިންމި ނިންމުން ދެމެހެއްޓުމަށާއި، ގެދޮރު ގެއްލިފައިވާ މީހުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ ފުރުޞަތު ފަހިކޮށްދިނުމަށާއި، އިންސާނީ އެހީ އަށް ފުރުޞަތު ދިނުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންފައެވެ.

ރައީސް ވަނީ އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުން ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޢިމާރާތްތަކާއި ބިނާރު، އަލުން އާރާސްތުކުރުމަށް ބޭނުންވާ އަވަސް އެހީ ފަލަޞްޠީނަށް ފޯރުކޮށްދިނުމަށް ވެސް އެމަނިކުފާނު ގޮވައިލެއްވިއެވެ.

ފާއިތުވެ ދިޔަ 15 މަސް ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން ވަނީ، ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ފަލަޞްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އިސްރާއީލާއި ހަމާސް އެއްބަސްވެފައިވާ

ތިން މަރުހަލާއެއްގެ މައްޗަށް އެކުލެވޭ މި ޕްލޭންގެ ތަފްސީލުތައް އަދި ޢާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، ފުރަތަމަ 6 ހަފްތާގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމަށްފަހު، ހަމާސްގެ ބާރުގެ ދަށުގައި ހިފަހައްޓާފައި ތިބި 33 ރަހީނުން ދޫކޮށްލާނެއެވެ. އަދި އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނު މީހުން ވަކި މުއްދަތުތަކެއްގެ މަތިން ދޫކޮށްލާނެއެވެ.

މީގެ އިތުރުން އިސްރާއީލުގެ ސިފައިން ގައްޒާގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުން ފަހަތަށް ޖެހުމަށް އެއްބަސްވެފައިވާއިރު، އަދި ގެދޮރު ދޫކޮށް ދިޔަ ފަލަސްޠީނުންނަށް އަނބުރާ އެމީހުންގެ ގެތަކަށް ދިއުމުގެ ފުރުޞަތު ފަހިވެގެން ދާންޖެހެއެވެ.

މި އެއްބަސްވުމުގެ ދަށުން ދެވަނަ މަރުހަލާގެ މަޝްވަރާތައް ފެށޭނީ ދެ ހަފްތާއެއްގެ ފަހުންނެވެ. މި މަރުހަލާގައި ބާކީ ތިބި ރަހީނުން ދޫކޮށްލުމާއި، އިސްރާއީލުގެ ސިފައިން ފުރިހަމައަށް ފަހަތަށް ޖެހުމާއި، "ދެމެހެއްޓެނިވި އަމާންކަމެއް" ޤާއިމުކުރުމަށް މަސައްކަތްކުރަން ވަނީ އެއްބަސްވެފައެވެ. ތިންވަނަ އަދި އެންމެ ފަހު މަރުހަލާގައި ގައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ކުރަން އެއްބަސްވެފައިވާއިރު، މިކަމަށް އަހަރުތަކެއް ހޭދަވާނެއެވެ. އަދި މި މަރުހަލާގައި ބާކީ ތިބި ރަހީނުން ދޫކޮށްލާނެއެވެ.