ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފި އެވެ.

އެމިނިސްޓަރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ކަދުރަކީ 1446 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި އެއްޗެކެވެ. މި ކަދުރު ރާއްޖެއަށް ގެނެވިފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

Ad
rt

ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުންނެވެ. ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ލިބޭނެއެވެ. މިއަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.

ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ މިމަހުގެ 20 އިން އަންނަމަހުގެ 6 އަކާއި ހަމައަށެވެ. މާލޭ ސަރަޙައްދުގައި މި ދުވަސްތަކުގައި ހެނދުނު 09:30 އިން މެންދުރު 13:00 އާ ހަމައަށް މި މަސައްކަތް ކުރިއަށްދާނެއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށުގައި ނުވަތަ އަތޮޅުތަކަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.

އާންމުންގެ އިތުރުން، ރަމަޟާންމަހުގެ އިފްތާރު ޕްރޮގްރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ކަދުރު ދޭގޮތަށް ހަމަޖެހިފައިވެއެވެ. މިކަމަށް ޝައުގުވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ނަން ނޯޓުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.