ދިވެހިރާއްޖެ އާއި އެސްޓޯނިއާ އާއި ދެ ޤައުމުން ބައިވެރިވެގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާއި ކުރެއްވި ބައްދަލުކުރެއްވުމުގައެވެ.

Ad
rt

އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ވަނީ ރައީސް މުޢިއްޒު އަށާއި ދިވެހި ވަފުދަށް ޚާއްޞަ ފަރިއްކޮޅެއް ދެއްވާފައެވެ.

މި ފަރިއްކޮޅު އޮތީ އިއްޔެ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް "ރިގިކޮގޫ" ގައެވެ. ރައީސްގެ މި ޒިޔާރަތުގައި ވަނީ ޤާނޫނު ހަދާ މަޖިލީހުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރަށްވާފައެވެ.

މި ފަރިއްކޮޅުގެ ހަވާސާގައި ރައީސް މުޢިއްޒު އާއި އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް މަޝްވަރާކުރަށްވާފައިވާއިރު، މީގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި ދެ ޤައުމުން ބައިވެރިވެގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ޤައުމުން ހިއްސާކުރާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި މަޝްވަރާގައި ރައީސް މުޢިއްޒު ވަނީ، ދިވެހިރާއްޖެއަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަރައްޤީގެ އެޖެންޑާގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ.

ރައީސްގެ މި ދަތުރުފުޅުވެގެން ދާނީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށެވެ.