އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.
ރޭ މެޗާއި ފޮރެސްޓުން ކުރިމަތިލީއިރު އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ހުރިހާ މުބާރާތެއް ހިމެނޭހެން އެންމެ ފަހުން ކުޅުނު ހަތް މެޗު ވެސް ކާމިޔާބު ކޮށް ރަނގަޅު ފޯމެއްގައި އޮތުމެވެ.
ސެޕްޓެމްބަރ މަހު ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގައި ފޮރެސްޓުން ވަނީ ލިވަޕޫލް ބަލިކޮށްފައެވެ. ފޮރެސްޓަކީ ލީގުގައި މި ސީޒަންގައި މިހާތަނަށް ލިވަޕޫލް ބަލިކުރި ހަމައެކަނި ޓީމެވެ.
މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ފޮރެސްޓުން ރޭ ވެސް ވަނީ ލިވަޕޫލާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ވެސް ފޮރެސްޓުންނެވެ. މި ލަނޑު 8 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސް ވުޑް އެވެ.
މެޗުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިއެގޯ ޖޮޓާއެވެ. މެޗުގެ 66 ވަނަ މިނެޓުގައި ކުޅެން ނުކުތް ޖޮޓާ ވަނީ، އޭނާ ކުޅެން ނުކުތްތާ މަދު ސިކުންތު ކޮޅެއްގެ ތެރޭ ލަނޑުޖަހާފައެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ސިމިކާސްގެ އެހީތެރިކަމާއިއެކުއެވެ. މި ލަނޑަށް ފަހު ލިވަޕޫލުން ވަނީ ފޮރެސްޓްގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ. ލިވަޕޫލަށް ލީޑު ނަގައިދޭން ރަނގަޅު ފުރުސަތުތައް ސޮލާހަށާއި ގަކްޕޯއަށް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ކުރެވޭގޮތެއް ނުވިއެވެ.
މިވަގުތު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު އެއްވަނާގައި ލިވަޕޫލް އޮތީ ކުޅުނު 20 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 21 މެޗުން ވަނީ 41 ޕޮއިންޓް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!