ތިމާވެށި ހިމާޔަތްކުރުމާގުޅޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުއާހަދާތައް ދިފާއުގައި ދިވެހިރާއްޖެއިން ކުރަމުންދަނީ އަގުހުރި މަސައްކަތެއްކަމަށް އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ވިދާޅުވެއްޖެއެވެ.

އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް މިހެން ވިދާޅުވީ، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް އިއްޔެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އެސްޓޯނިއާގެ ރައީސް، ރާއްޖޭގެ ރައީސް މުޢިއްޒުއަށް މަރުޙަބާ ދަންނަވާ ފޮޓޯތައް ހިމަނުއްވައި އެ ޕޯސްޓްގައި ރައީސް ޑރ. އަލާރް ކަރިސް ވިދާޅުވެފައި ވަނީ ރައީސް މުޢިއްޒުގެ މި ތާރީޚީ ޒިޔާރަތުގައި އެސްޓޯނިއާޓޯނިއާ އަށް މަރުޙަބާ ދަންވާކަމަށެވެ.

ޑރ. އަލާރް ކަރިސް ވިދާޅުވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޖިޓަލް އައު އީޖާދުތަކާއި އަދި ސައިބަރ ސަލާމަތްތެރިކަމުގެ ދާއިރާތަކުން ރާއްޖެއާއިއެކު އެ ޤައުމުން ގުޅުން ބަދަހިކުރުމަށް ތައްޔާރަށް ތިބިކަމަށެވެ.

''ކުދި ޤައުމުތަކުން އެއްބައިވެ، ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ މިއުއާހަދާ ދިފާއުކުރަން ޖެހޭ، މިކަމަށް ދިވެހިރާއްޖެއިން ދެއްވާ އަހައްމިއްޔަތަކީ ވަރަށް އަގުހުރި ކަމެއް'' ޑރ. އަލާރް ކަރިސް ވިދާޅުވެފަވެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި އެކު ރަސްމީ ވާހަކަތައް ބާއްވަވާފައިވާއިރު، އެސްޓޯނިއާގެ ރައީސް ދެއްވި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި ވެސް ރޭ ވީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސްގެ މިދަތުރުފުޅުގައި މިހާތަނަށް އެސްޓޯނިއާގެ ރައީސްގެ އިތުރުން އެ ޤައުމުގެ މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް ރީސަރޗް، ކްރިސްޓީނާ ކެލަސް އަދި މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ އާއި ވަނީ ބައްދަލުކުރަށްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް މި ކުރައްވާ ދަތުރުފުޅުގައި ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އީ-ގަވަރނަންސް، މޫސުމީ ބަދަލުތަކާއި ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކުރުމާއި، ގުޅިގެން މަސައްކަތް ކުރުމަށް އިތުރު ފުރުސަތުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.