ދިވެހިރާއްޖެ އާއި އެސްޓޯނިއާ އާއި ދެމެދު އެއްބާރުލުން ދިނުމަށް ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ އެސްޓޯނިއާގެ މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގެ ތެރެއިން ބޭއްވި ބައްދަލުވުމުގެ ހަވާސާގައެވެ.
މި ފަހުމުނާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލެވެ. އެސްޓޯނިއާގެ ފަރާތުން ސޮއިކުރެއްވީ އެސްޓޯނިއާގެ ކްލައިމެޓް ވަޒީރު ޔޯކޯ އަލެންޑަރއެވެ.
މި ފަހުމުނާމާއަކީ ދެޤައުމުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ.
އެސްޓޯނިއާގެ މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ޤައުމަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން ދިވެހި ރާއްޖޭގެ މި ތަޞައްވުރު ޙާޞިލުކުރުމަށްޓަކައި ދެމެހެއްޓެނިވި ހަކަތައިގެ ޙައްލުތަކުގެ ބޭނުންތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެސްޓޯނިއާގެ ތަޖުރިބާގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ޔޯކޯ އެލެންޑަރ ވަނީ ރާއްޖެއާއި އެސްޓޯނިއާ ފަދަ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ހަކަތައިގެ ދެމެހެއްޓެނިވި ގޮތްތައް ޙާޞިލުކުރުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އެކަމަނާ ވަނީ އެސްޓޯނިއާއިން ރާއްޖެއާ ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަން ހާމަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!