ހދ. ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފަޔަރ އެވެއަރނެސް ކުލާހެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންގޮސްފިއެވެ.
މި ކުލާސް ބޭއްވުނީ މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުއެވެ.
މި ކުލާހުގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު ދެވުނެވެ. މީގެ އިތުރުން، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައްވެސް ބައިވެރިންނާ ހިއްސާކުރެވުނެވެ. މިކުލާހުގައި އަލިފާން ނިއްވާނެ ގޮތް ޢަމަލީގޮތުން ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައްވެސް ވަނީ ދަސްކޮށްދީފައެވެ.
މި ކުލާހުގައި ޖަލާލުއްދީން ސްކޫލުގެ 77 މުވައްޒަފުން ބައިވެރިވިއެވެ. މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ދަށުން ހިންގާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.
މިފަދަ ކުލާސްތައް ބޭއްވުމުގެ މަޤްޞަދަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު އާންމުންނަށް ފޯރުކޮށްދިނުމެވެ. އަދި މިފަދަ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!