ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އެގޮތުން ވެސްޓްޕާކް ސަރަޙައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިފައިން ބުންޏެވެ.
ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ލަފާކޮށްފައިވާތީ މާލޭގައި ފެންބޮޑުވާއިރު އާންމުކޮށް ފެންވަންނަކަމަށް ފާހަގަވާ ގެތަކުގައި މާލެ ސިޓީ ކައުންސިލުން ވެލިބަސްތާ ޖަހަމުން އަންކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ވެސް މިއަދު ވަނީ ބުނެފައެވެ.
މިއަދުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. މިގޮތުން މި ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެކަމަށް މެޓުން ބުންޏެވެ.
މީގެ އިތުރުން އާންމުވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރެވޭކަމަށް މެޓުން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!