ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްތެރޭ ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ / ހ. ކަފުރުތޮޅިގެ، ޢަލީ އަމީން (32އ) ކަމަށެވެ.
އޭނާގެ މައްޗަށް ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ބޭނުންކޮށް ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.
މި ތުހުމަތާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ ފެޑްއެކްސް ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން، މި ޖަނަވަރީ މަހުގެ 7 ވަނަ ދުވަހު ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލެ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މީނާ އަތުން ފެނުނު މިތަކެތީގެ ވަގުތީ ބަރުދަނަކީ 213 ގުރާމް ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!