ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގަައި އިމާރަތްކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމުކުރަން މީގެ ކުރީން އެކި ތާރީޚްތައް ދިން ނަމަވެސް އަދިވެސް އެ ލިސްޓް އޮތީ އާންމު ނުކޮށެވެ.
އެ ލިސްޓާމެދު ކުރިމަތިލި ފަރާތްތަކުން ދިގު އިންތިޒާރެއް ކުރަމުން އަންނައިރު، އެ ލިސްޓް އާންމު ނުކުރެވިދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ރީއިވިއުލޭޝަންގެ މަސައްކަތަށް ނުނިމޭތީކަމަށް ހައުސިން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ. އަދި އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމު ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަ ކަންކަން ހުރުމުން އެ މަސައްކަތްތައް ނިންމަން ގިނަ ވަގުތު ބޭނުންވާ ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ރައީސް މުޢިއްޒު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ނިންމަވައިލެއްވުމުގެ ކުރިން ނޫސްވެރިންނަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، 4000 ހައުސިންގ ޔުނިޓު ދޫކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އަދި މި ވޭތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންގެންދަވާކަމަށާއި އުއްމީދަކީ ވީހާވެސް އަވަހަކަށް މި 4000 ހައުސިންގ ޔުނިޓު އޭގެ ވެރިފަރާތްތަކަށް ދޫކުރެވުންކަމަށް ރައީސް ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ތެރެއިން މަކަރާއި ހީލަތުން އަދި ފޯޖް ޑޮކިއުމަންޓްތަކުގެ ބޭނުންކޮށްގެން ހޯދާފައިވާ ފްލެޓުތަކާއި ގޯއްޗާއި އަދި އޭސީސީގެ ތަޙުގީގަށް ހާމަވެފައިވާ ކޮރަޕްޝަންގެ ތެރެއިން ލިބިފައިވާ ގޯއްޗާއި ފްލެޓު ފިޔަވާ އެހެން ހުރިހާ ފަރާތްތަކަށްވެސް އެމީހަކަށް ފްލެޓާއި ގޯތި ލިބުނު ތަނަކުން ގޯއްޗާއި ފްލެޓު ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!