ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް، އެ ސިނާޢަތަށް މީހުން އިތުރުކުރުމުގެ މަސައްކަތް ފަށައިގެން މި ސަރުކާރުން މިހާރު ކުރިއަށް އެބަގެންދާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާާޅުވީ، ހުވަދު އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. ދެއްވަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ދެއްވަދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، މަސްވެރިންގެ އުންމީދުތަކާ ގުޅޭގޮތަށް ކަންކަން ފަހިކޮށްދެއްވަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. މިގޮތުން މަސްވެރިކަމުގެ ސިނާޢަތަކީ، ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތަކުގެ ތެރެއިން ބޭރުން އަންނަ ލޮޅުންތަކުގެ ހިރާސް އެންމެ ކުޑަ ސިނާޢަތްކަން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.

ރައީސް ވިދާޅުވިގޮތުގައި ރަނގަޅަށް މަސައްކަތްކޮށްފިނަމަ މަސްވެރިކަމުގެ ސިނާއަތް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާދާރަށް ހެދިދާނޭކަމަށެވެ. އަދި މިއީ ދިވެހިންގެ އަމިއްލަ އަތް މަތީގައި އޮތް، ރައްޔިތުންގެ މުއްސަނދިކަން އިތުރުކޮށްދެވޭނޭ ސިނާޢަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ވިދާޅުވިގޮތުގައި މިހާރުވެސް ސަރުކާރުން މަސައްކަތް ފަށާފައިވަނީ، ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް، އެ ސިނާޢަތަށް މީހުން އިތުރުކުރުމަށެވެ.

މީގެ އިތުރުން މި ސަރުކާރުން މަސްވެރިންނާ ގުޅުންހުރި މަސައްކަތްތައް ބައްޓަންކުރައްވަމުން ގެންދަވާނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައިގެން، މަސްވެރިންގެ ޚިޔާލާއެކުގައިކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.