ހދ ފިނޭގެ ލޭންޑް ޔޫސް ޕްލޭން ހެދުމާއި ސާރވޭކުރާނެ ފަރާތެއް ހޯދުމަށްއެދި ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.
ފިނޭގެ ލޭންޑް ޔޫސް ޕްލޭން ހެދުމާއި ސާރވޭކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ފެބުރުއަރީ 4 ވާ އަންގާރަ ދުވަހުގެ 10:00 އަށް ފިނޭ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަން ޖެހެއެވެ.
އަގު ހުށަހަޅުއްވަން ފުރުޞަތު ހުޅުވާލާފައިވާ ސުންގަނޑިއަކީ 2020 ފެބުރުއަރީ 13 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ.
ފިނޭ ލޭންޑް ޔޫޒު ޕްލޭން ހެދުމަށް އަލުން މި ހުޅުވާލީ ނިމިމުނު ރައީސް ޔާމީންގެ ސަރުކާރުގައި އެ ޕްލޭން ހަދައި، ހުއްދަ ހޯދުމަށް ދެ ފަހަރެއްގެ މަތިން ހުށަހެޅިނަމަވެސް އެ ޕްލޭން އެޕްރޫވްކޮށްދީފައި ނުވާތީކަމަށް ފިނޭ ކައުންސިލް ރައީސް ހަސަން ރަސީދު ބުނުއްވިއެވެ. ހަސަން އިތުރަށް ބުނުއްވީ ލާ މަރުކަޒީ ޤާނޫނަށް ގެނެވިފައިވާ އިސްލާހްތަކާއެކު ކައުންސިލްތަކަށް ރަށު ބިމުން މަންފާ ހޯދުމުގެ ފުރުޞަތު ހުޅުވިގެން ދިއުމާއެކު އަލުން އެ ޕްލޭން ހަދައި ސާރވޭ ކުރުމަށް ހުޅުވާލީ ކަމަށެވެ.
ހަސަން ބުނުއްވި ގޮތުގައި އަލުން މިމަސައްކަތްކޮށް، ސަރުކާރުން އެ ޕްލޭން އެޕްރޫވް ކުރުމަށް ހުށަހެޅުމުގެ އަމާޒަކީ ރަށުގައި ހުރި ވިޔަފާރި ބިންތަކާއި، ފަތުރުވެރި ކަމަށް ދޫކުރެވޭނެ ޒޯން ކަނޑައަޅައި، ކައުންސިލަށް އާމްދަނީ ލިބޭނެ ދުރު ރާސްތާ މަގެއް އެކުލަވާލުމެވެ. އަދި މިމަސައްކަތް ކުރުމުން ދެންއަންނަ ކައުންސިލަކަށް ހަލުވިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުން ފަސޭހަވެގެންދާނެކަމަށާއި، ރަށުގެ ބިމުން ލިބޭ ނަފާއިން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބޭނެ ކަންކަން ކުރުމަށް މަގުފަހި ކުރުމަކީވެސް މިމަސައްކަތްކުރުމުގެ އެއް ބޭނުންކަމަށް ހަސަން ބުނުއްވިއެވެ.
އާބާދީގައި 582 މީހުންތިބި ފިނޭގައި މިވަގުތު ސަރުކާރުން އިމާރާތްކުރާ ފެނަކައިގެ އާ ބްރާންޗްގެ މަސައްކަތް ކުރިއަށްއެބަދެއެވެ. އަދި ސަރުކާރުގެ ފަރާތުން އެރަށުން ޤާއިމުކުރާ ނަރުދަމާ ނިޒާމް އެޅުމަށް ބޭނުންވާ ސާރވޭވެސްވަނީ މިހާރު ނިމިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!