ޤައުމީ ކޮމްޕިއުޓަރ ވިއުގަ (އެން.ސީ.އެން)ގެ ޚިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ބޭނުންވާ ދިރާސާ ހެދުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ސްރީލަންކާގެ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ސޮފްޓްވެއަރ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޯލޮޖީއަށް ބިނާކޮށް އެން.ސީ.އެންގެ ޚިދުމަތް ފުޅާކުރުމުގެ ފީޒިބިލިޓީ ދިރާސާއެއް ކުރެވޭނެއެވެ.

Ad
rt

މި މަސައްކަތަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމެކެވެ.

އެން-އޭބަލް ޕްރައިވެޓް ލިމިޓެޑުން މި މަސައްކަތުގެ ބީލަން ކާމިޔާބު ކޮށްފައި ވަނީ މި މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ސަރުކާރުން ބައިނަލްއަގްވާމީ ބީލަމަށް ހުޅުވާލުމުން ކުރިމަތިލައިގެންނެވެ.

މި ކުންފުނިން 4 މަސްދުވަހުގެ ތެރޭގައި އެސްޑީވޭން ޓެކްނޯލޮޖީ ބޭނުންކޮށްގެން އެން.ސީ.އެން އަޕްގްރޭޑްކުރުމުގެ ޕްރޫފް އޮފް ކޮންސެޕްޓެއް ތައްޔާރުކޮށް، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ވަނީ އެއްބަސްވެފައެވެ.

އެން.ސީ.އެން އަކީ ސަރުކާރުގެ އިދާރާތަކުގެ ޑިޖިޓަލް ޚިދުމަތްތައް ރަށު ކައުންސިލްތަކާއި ބްރާންޗް އޮފީސްތަކަށް ފޯރުކޮށްދިނުމަށާއި، އިދާރާތަކުގެ މެދުގައި ޑޭޓާ ރައްކާތެރިކަމާއެކު ޙިއްޞާކުރުމަށް 2000 އަހަރުތަކުގެ ތެރޭގައި ޤާއިމްކުރެވުނު ކޮމްޕިއުޓަރ ވިއުގައެކެވެ. ނަމަވެސް މިހާރު މި ނެޓްވޯކްގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާކަމަށް ދާޚިލީ ވުޒާރާއިންވަނީ ހާމަކޮށްފައެވެ.

އެސްޑީވޭން ޓެކްނޯލޮޖީ ބޭނުންކޮށްގެން އެން.ސީ.އެން އަޕްގްރޭޑްކުރެވިއްޖެނަމަ، ސަރުކާރުން މިހާރު އެން.ސީ.އެން އަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެ، ނެޓްވޯކްގެ ކެޕޭސިޓީ އިތުރުވެ، އަދި ކައުންސިލްތަކުން ސަރުކާރާ ގުޅިގެން ދޭ އިތުރު ޚިދުމަތްތަކަށް މަގުފަހިވެގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އަތޮޅުތަކުގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކަށްވެސް ކުޑަ ޚަރަދަކުން ޤައުމީ ކޮމްޕިއުޓަރ ވިއުގައިގެ ޚިދުމަތް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވުޒާރާއިން ބުނެއެވެ.