ކައުންސިލަރުންގެ ޢަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ކައުންސިލްގެ ރައީސާއި ނައިބު ރައީސް ތިބޭގޮތަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އާ ޚިޔާލެއް ފާޅުކުރަށްވައި، އެ ޚިޔާލުފުޅަށް ރައްޔިތުން ބަހުސްކޮށް، ޚިޔާލް ހުށަހެޅުމަށް ރޭ ހުޅުވާލައްވައިފިއެވެ.

މިގޮތުން ރޭ ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިންވެސް ކައުންސިލްތަކުގެ ޢަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކުރައްވާފައިވާނެކަމަށެވެ.

Ad
rt

އެކަމަށްޓަކައި މަޝްވަރާކުރެވި ރައްޔިތުންގެ ޚިޔާލާއި ކަމާބެހޭ އެންމެންގެ މަޝްވަރާއާއި އެކީގައި ގެންނަންވާ ބަދަލުތައް ގެންނަވާނެކަމަށް ކުރިން ވިދާޅުވެފައިވާބެކަން ފާހަގަކުރަށްވައި ރައީސް ވިދާޅުވީ، މިގޮތުން މިހާތަނަށް ފާޅުކޮށްފައިވާ އެއް ކަންބޮޑުވުމަކަށްވީ ކައުންސިލަރުންގެ ޢަދަދު މަދުކޮށްފިނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކޮށްފާނޭކަމުގެ ކަންބޮޑުވުން ކަމަށެވެ. އެއަށްފަހު ރައީސްގެ އާ ޚިޔާލުފުޅެއް ވަނީ ހިއްސާ ކުރަށްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި މައިގަނޑު ޚިޔާލުތައް:

  • ކައުންސިލްގެ ރައީސާއި ނައިބު ރައީސް އެކަނި ފުލްޓައިމްކޮށް މަސައްކަތްކުރުން.
  • އެހެން ކައުންސިލަރުންނަށް ޖަލްސާތަކަށް ހާޒިރުވާ ދުވަސްތަކަށް އެލަވަންސް ދިނުން.
  • އ.ތ.މ ކޮމިޓީއަށްވެސް މި އުސޫލު ތަޠްބީޤުކުރުން.
  • ސިޓީ ކައުންސިލްތަކުގައި މޭޔަރާއި ޑެޕިއުޓީ މޭޔަރ ފުލްޓައިމްކޮށް މަސައްކަތްކުރުން.

މި ބަދަލުތަކުން ޚަރަދު ކުޑަވެގެންދާނެ ކަމަށާއި، ޑިމޮކްރަސީގެ ހަމަތަކަށް އަސަރު ނުކުރާނެކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް މިގޮތަށް ޢަމަލުކުރަމުން އަންނަކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ރައީސް ވަނީ އެމަނިކުފާނު ހުށަހެޅުއްވި ގޮތަށް ޢަމަލު ކުރުމަށް ރައްޔިތުންނަށް ފެނިވަޑައިގަންނަވާނަމަ، އާންމުކޮށް ބަހުސް ކުރައްވައި ޚިޔާލު ހުށައެޅުއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މިކަމަށް ރައްޔިތުން ވިސްނަވައި އެންމެ އެދޭގޮތް ހުށަހެޅުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

މި ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކުގައި ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.