ކުށްމަދު އަމާން މާހައުލެއް ގާއިމުކުރުމާއި ބެލެނިވެރިން ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ށ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރާނެގޮތާއި މުޖްތަމައު ތެރޭގައިި އާންމުވެފައިވާ ކުށްތަކާއި އެ ކުށްތަކުން ކުދިން ރައްކާތެރިކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން މަސްތުވާތަކެތީގެ ވަބާއިން ކުދިން ރައްކާތެރިކުރުމާއި ބްލެކްމެއިލް ކުރުންފަދަ ކަންކަމުން ކުދިން ދުރުހެލިކޮށް ރައްކާތެރިކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ކުދިންނަށް ކުރިމަތިވާ އެކިއެކި އަނިޔާތަކުން އެ ކުދިން ސަލާމަތްކޮށް ރައްކާތެރިކުރުމާއި ކުދިންގެ މިޒާޖާއި އުޅުމަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ ބެލެނިވެރިން ކުދިންނާ ގާތްގުޅުމެއް އުފެއްދުމަށް ނަސޭހަތްތެރިވެ މަޢުލޫމާތު ދީފައިވެއެވެ. އަދި އިންޓަރނެޓްގެ ޒަރީއާއިން ކުދިންނަށް ކުރިމަތިވާ ނޭދެވޭ ކަންކަމުން އެކުދިން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މަކާރާއި ހިލަތުން ފައިސާ ހޯދާ މައްސަލަތަކުން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!