ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު 2025" ގެ ކުޅުން ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ފަށާފައިވާއިރު ހދ.އަތޮޅު ބުރުގެ މެޗުތަކުން މަކުނުދޫ، ނޭކުރެންދޫ ކުމުންދޫ އަދި ނައިވާދޫ މޮޅުވެއްޖެއެވެ.

މި މުބާރާތުގައި ހދ.އަތޮޅުން ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު ގްރޫޕް އޭގައި ހިމެނެނީ ނޮޅިވަރަންފަރު، މަކުނުދޫ، ހަނިމާދޫ، ނޭކުރެންދޫ އަދި ފިނޭއެވެ. ގްރޫޕް ބީގައި ހިމެނެނީ ނެއްލައިދޫ، ކުމުންދޫ، ވައިކަރަދޫ، ނައިވާދޫގެ އިތުރުން ނޮޅިވަރަމެވެ.

Ad
rt

ރޭ ގްރޫޕް އޭގައި މަކުނުދޫއާއި ނޮޅިވަރަންފަރު ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މަކުނުދޫއިންނެވެ. މެޗުގައި މަކުނުދޫން ކާމިޔާބުކުރި ތިން ލަނޑު ވެސް ޖަހައިދީފައި ވަނީ ނުހާދު ފައުޒީއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާއެވެ. މި މެޗުގައި ނޮޅިވަރަންފަރަށް ލަނޑުތައް ޖަހައިދިނީ އިބްރާހީމް ވަހީދުގެ އިތުރުން އަކްރަމް އަބްދުއްރަޝީދެވެ.

ގްރޫޕް އޭގެ ދެވަނަ މެޗުގައި ރޭ ހަނިމާދޫ ވަނީ 1-0 ގެ ހަނި ތަފާތަކުން ނޭކުރެންދޫ އަތުން ބަލިވެފައެވެ. ނޭކުރެންދޫއިން މެޗުގައި ހަމައެކަނި ކާމިޔާބުކުރި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ވިލްފްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާއެވެ.

ގްރޫޕް ބީގައި ރޭ ނެއްލައިދޫއާއި ކުމުންދޫ ބައްދަލުކުރި މެޗު 4-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ކުމުންދޫއިންނެވެ. މެޗުގައި ކުމުންދޫއަށް ލަނޑުތައް ޖަހައިދިނީ އަހްމަދު ޝަރީފް، ފަހުމާން އަބްދުލްހަމީދުގެ އިތުރުން މުޝްރިފް މުހައްމަދެވެ. މުޝްރިފް ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކުމުންދޫގެ ފަހުމާން އެވެ. މެޗުގައި ނެއްލައިދޫއަށް ލަނޑުތައް ޖަހައިދިނީ އަލީ ހަސަން، މުހައްމަދު ފާރިސްގެ އިތުރުން މުހައްމަދު ސާވިން އެވެ.

ގްރޫޕް ބީގައި ރޭ ނައިވާދޫއިން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ވައިކަރަދޫ ބަލިކޮށްފައެވެ. ނައިވާދޫގެ އަބްދުﷲ ވިސާމް ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ. ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ އިސްމާއިލް ވަހީދެވެ.

މި މުބާރާތުގައި ހދ އަތޮޅުގެ މެޗުތައް ދެން އޮންނާނީ މި މަހުގެ ނުވަވަނަ ދުވަހުގެ ރެއެވެ. ގްރޫޕް އޭގައި ފިނޭއިން ނޮޅިވަރަންފަރާއި ދެކޮޅަށް ނުކުންނައިރު އެ ރޭ މަކުނުދޫ ނުކުންނާނީ ހަނިމާދޫއާއި ދެކޮޅަށެވެ. ގްރޫޕް ބީގައި ނޮޅިވަރަމާއި ނެއްލައިދޫ ބައްދަލުކުރާއިރު ކުމުންދޫ ނުކުންނާނީ ވައިކަރަދޫއާއި ދެކޮޅަށެވެ.