ޔުނައިޓެޑް އެއަރލައިންސްއިން އެ ކުންފުނީގެ މަތިންދާބޯޓުތަކުގައި ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

މިގޮތުން މިއަހަރުގެ ފެބްރުއަރީ މަހު އެ ޚިދުމަތް ޓެސްޓްކުރަން ފަށާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

Ad
rt

ޔުނައިޓެޑް އެއަރލައިންސްއިން މި ނިންމުން ނިންމާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްޕޭސްއެކްސްއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މަޤްޞަދަކީ "މަތިންދާބޯޓުތަކުގައި އިންޓަނެޓް ގުޅުން ފޯރުކޮށްދިނުމުގެ އައު މިންގަނޑެއް" ކަނޑައެޅުމެވެ.

ޓެސްޓްކުރުމަށްފަހު، ޔުނައިޓެޑްގެ އެމްބްރެއަރ އީ-175 މަތިންދާބޯޓެއްގައި މި އަހަރުގެ ކުރީކޮޅު ސްޓާލިންކް ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި 2025 ވަނަ އަހަރު ތެރޭގައި ކުންފުނީގެ "ދެ ކެބިން ރީޖަނަލް ފްލީޓް" އަށް މި ޚިދުމަތް ތަޢާރަފުކުރާނެ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން "މެއިންލައިން ސްޓާލިންކް-އެނޭބަލްޑް" ފުރަތަމަ މަތިންދާބޯޓު ދަތުރުކުރަން ފަށާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޔުނައިޓެޑްއަކީ ޑެލްޓާ އަދި ހަވާއިއަން އެއަރލައިންސްގެ އިތުރުން ސްޓާލިންކާ ގުޅިގެން މަތިންދާބޯޓުތަކުގައި ވައިފައި ޚިދުމަތް ފޯރުކޮށްދޭން ނިންމި އެއަރލައިންއެވެ. ސްޕޭސްއެކްސްއިން 2022 ވަނަ އަހަރު މަތިންދާބޯޓުތަކަށް 350 އެމްބީޕީއެސްގެ ސްޕީޑެއްގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދޭން ނިންމި ނިންމުމާ ގުޅިގެން، ޑެލްޓާ އަދި ހަވާއިއަން އެއަރލައިންސްއިން ވަނީ ސްޓާލިންކް ޓެސްޓްކޮށް ނުވަތަ އެ ޚިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ.