ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ފާސްކުރި ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.

މި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރެއްވީ 14 ޑިސެމްބަރު 2024 ގައެވެ.

Ad
rt

މި އައު ޤާނޫނުގެ ދަށުން، ވަކި ފަރާތްތަކަކަށް ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ މާރުކުރުން ލާޒިމްކުރެއެވެ. މި ގޮތުން މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން އަހަރަކު މަދުވެގެން 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތަކެވެ.

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަށް ފެތޭ ފަރާތްތަކުން، އެ ފަރާތްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް، ބޭންކަކަށް މާރުކުރަންޖެހޭގޮތަށް ކަނޑައަޅައި، ބޭންކުން އެ ބޭރު ފައިސާގެ ވަކި އިންސައްތައެއް، އެމް.އެމް.އޭ އިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، އެމް.އޭ.އޭ އަށް ވިއްކާގޮތަށް މި ޤާނޫނުގައި ވަނީ ހިމަނާފައެވެ.

އެ ގިންތިތަކަކީ،

  • ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓޭބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓުތަކާއި، އިންޓްގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ޕްރައިވެޓް އައިލަންޑްތަކާއި، ރިސޯޓު ހޮޓާތަކާއި، އެނޫންވެސް އެފަދަ ތަންތަނުން، މިލާދީ މަހެއްގެ ތެރޭގައި އެ އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ ޢަދަދު، ނުވަތަ، މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ (ގްރޮސް ސޭލްސް) ގެ 20 އިންސައްތަ، މި ދެގޮތުންކުރެ ގޮތަކަށް ބޭރު ފައިސާ ބޭންކަކަށް މާރުކުރުން.• ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓޭބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ، ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުން، މީލާދީ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ ޢަދަދު، ނުވަތަ މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ 20 އިންސައްތަ، މި ދެގޮތުންކުރެ ގޮތަކަށް ބޭރު ފައިސާ، ބޭންކަކަށް މާރުކުރުން.

    • ކެޓެގަރީ-އޭ އާއި ކެޓެގަރީ-ބީ ފިޔަވައި، އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތްތަކަށް ފާއިތުވި މީލާދީ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15،000،000 އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޚިދުމަތަށް، މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ، ބޭންކަކަށް ރުފިޔާއަށް މާރުކުރުން.

މި ޤާނޫނު ތަންފީޒުކުރުމުގެ މަޤްޞަދަކީ ރާއްޖޭގައި ދިގު މުއްދަތެއް ވަންދެން ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ޙައްލުކުރުމެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރެވި، ބޭރު ފައިސާގެ ރިޒާވް އިތުރުވެ، އަދި ޑޮލަރުގެ އަގު ސްޓެބިލައިޒްވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

މި ޤާނޫނުގެ ދަށުން ބޭރު ފައިސާ މާރުކުރުމަށް ލާޒިމްކުރެވޭ ފަރާތްތަކުން ޤާނޫނާ އެއްގޮތަށް ޢަމަލުކުރަމުން ނުދާނަމަ، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ. މި ޤާނޫނު ތަންފީޒުކުރުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި މިނިސްޓްރީ އޮފް ފިނޭންސް މުހިންމު ދައުރެއް އަދާކުރާނެއެވެ.