އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ކިޔައިފިއެވެ.
އައު އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ މިސްޓަރ ލުއިސް އާއި އޭނާގެ އާއިލާ އަށް ވީއައިއޭ އިން މަރުހަބާކިޔާފައިވާއިރު، މިސްޓަރ ލުއިސް އާއި އޭނާގެ އާއިލާއިން ވަނީ މީގެ ކުރީން ދިވެހިރާއްޖެއަށް 11 ފަހަރު ޒިޔާރަތްކޮށްފައެވެ.
އެހެންކަމުން އެ ޢާއިލާއަކީ ޙަޤީޤަތުގައިވެސް ދިވެހި އާއިލާގެ ބައެއްކަމަށް ވީއައިއޭން ސިފަކޮށްފައިވާއިރު، ރާއްޖޭގެ ކަނޑާއި، ފަސްގަނޑާއި، ރައްޔިތުންދެކެ އެ ޢާއިލާވާ ލޯބި މި ޒިޔާރަތް އިތުރަށް ޚާއްޞަވެގެންދާކަމަށް ވީއައިއޭއިން ވަނީ ބުނެފައެވެ.
މިސްޓަރ ލުއިސް އަކީ ސްޕޭންގެ ރައްޔިތެކެވެ.
އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައިވާއިރު، މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ އަހަރު ނިންމާލީ 2 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވެގެންނެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެންބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 203،891 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 188،798 ފަތުރުވެރިންނާ އަޅާ ބަލާއިރު %8 އިތުރު އަދަދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!