އެމްޑީޕީ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގު ޕީއެންސީ އަށް ބަދަލުކޮށްފައި ވަނީ އޭނާ އަށް ނޭނގިކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާއިރު، އެކަމަކީ ތޯރިގް އަމިއްލައަށް ކުރަށްވައިގެން އުޅޭ ކަމެއްކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ތުހުމަތު ކުރަށްވައިފިއެވެ.

ތޯރިގް ވިދާޅުވެފައި ވަނީ، 25 ޑިސެމްބަރު 2024 ގައި އޭނާ ޕީއެންސީ އަށް ބަދަލުވެފައިވާކަމަށް އެމްޑީޕީ އަށް އަންގާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އޭނާ އަށް ނޭނގި އޭނާގެ ސޮޔާއި ފިންގަރ ޕްރިންޓާއި ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ބަދަލުކޮށްފައިވާ ކަމަށްވިދާޅުވެ މައްސަލައެއް ފުލުހަށް ހުށަހަޅާފައެވެ.

Ad
rt

މިކަމާއި ގުޅިގެން މުހައްމަދު އެކްސްގައި ވިދާޅުވީ، ތޯރިގް ހައްދަވާފައި ވަނީ 100% ދޮގެއް ކަމަށެވެ. އަދި ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވީ 100% އޭނާގެ ބެލުމުގެ ދަށުން، ސީދާ ރައްޔިތުންގެ ގާތަށް ގޮސް ފޯމު ފުރާފައިގެން ކަމަށް މުހައްމަދު ވިދާޅުވެފައި ވެއެވެ.

''ތިއީ އަމިއްލައަށް ކޮށްގެން އުޅޭ ކަމެއް'' މުހައްމަދު ވިދާޅުވެފަވެއެވެ.

މީގެއިތުރުން، ފުލުހުން މިކަމާ ގުޅޭގޮތުން ޖަވާބުދާރީވާން ތައްޔާރަށް ތިބިކަމަށް މުހައްމަދު ވިދާޅުވިއެވެ. އަދި ޕީއެންސީން މުޅި ރާއްޖޭގައި މެންބަރޝިޕް އިތުރުކުރުމުގެ ހަރަކާތް ހިންގާތާ 11 މަސްވެފައިވާ ކަމަށާއި، އެއީ ވަރަށް ސާފުކަމެއްކަމަށް މުހައްމަދު ވިދާޅުވެފަވެއެވެ.

''މާލެ ސިޓީ، ވިލިމާލެ އަދި ހުޅުމާލޭގައިވެސް މި ހަރަކާތް ހިންގާތާ 11 މަސްވީ، ރައްޔިތުންގެ ތަރުހީބު ހެސްކިޔާފަ ލިބިގެން ފޯމު ފުރީ'' މުހައްމަދު ވިދާޅުވެފަވެއެވެ.

ޕީއެންސީން ވަނީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މުޅި ރާއްޖޭގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރާތުގެ ތެރެއިން ޞައްޙަ 97 ހާސް މެމްބަރޝިޕް ފޯމް ލިބިފައިވާކަމަށާއި، އެ ޕާޓީގެ މެމްބަރޝިޕްގެ އަދަދު ކުރިއަށް އޮތްތާގައި 1 ލައްކަ އަށް އަރާނެކަމަށް 23 ނޮވެމްބަރު 2024 ގައި އެ ޕާޓީން ވަނީ ބުނެފައެވެ.