މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 29 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑް އޮފީހުގައި ކުރިއަށްގެންދިޔަ މި ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންޖެހޭނެ ގޮތްތައް ޢަމަލީގޮތުން ވަނީ ފަރިތަކޮށްފައެވެ.
މި ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ޚިދުމަތް ހޯދުމަށް އައިސްތިބޭ މީހުން ސަލާމަތްތެރި ހިސާބަކަށް ގެންދާނެ ގޮތްތައް ފަރިތަކޮށްފައިވެއެވެ. މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އުރީދޫ ހެޑް އޮފީހުގައި މަސައްކަތްކުރައްވާ 200 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ.
ޑްރިލް ހިންގުމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިފަދަ ޑްރިލްތައް ހިންގަނީ ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައެވެ.
މި ޑްރިލްގެ ސަބަބުން އުރީދޫ މޯލްޑިވްސްގެ މުވައްޒަފުންނަށް އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ މުހިންމު ތަޖުރިބާއެއް ލިބިގެންދިޔައެވެ. މިފަދަ ޑްރިލްތަކަކީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!