ހުޅުމާލެ ބްރިޖު ހައިވޭގައި ތިން ސައިކަލު ޖެހި ރޭ އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ބްރިޖު ހައިވޭގައި ތިން ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން ރޭ 12:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

މި އެކްސިޑެންޓް ހިނގާފައިވަނީ އެއް ސައިކަލު އަނެއް ސައިކަލު އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި، ފަހަތުން އައި އަނެއް ސައިކަލު ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ޖުމްލަ 5 މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރެއިން 4 މީހަކަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އަނެއް މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެ މީހާގެ ޙާލަތު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.

މި އެކްސިޑެންޓުގައި ގަވާއިދާ ޚިލާފަށް ދުއްވި ސައިކަލުތައް ޓޯކޮށް، މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

މަގުމަތީގައި ދުއްވާއިރު ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، އަމިއްލަ ރައްކާތެރިކަމަށާއި އެހެން މީހުންގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ފުލުހުންގެ މުއައްސަސާއިން އަންނަނީ ކެނޑިނޭޅި ނަސޭހަތްތެރިވަމުންނެވެ.