ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގާ ގުޅިގެން ފުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރު ބާތިލްކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި، މި ނުވަ މީހުންގެ ޕާސްޕޯޓު ދޫކޮށްލީ ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފާ މަޝްވަރާކުރުމަށްފަހު، އޭނާގެ ލަފާގެ މަތިންނެވެ.

Ad
rt

މި މައްސަލައިގައި މުޅިއެކު 20 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ. އޭގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި، ހައްގު ނޫން ގޯތި ލިބުނު ކަމަށް ބެލެވޭ އޭނާގެ ބޭބެ، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ފަޒީލް ރަޝީދު ހިމެނެއެވެ.

އެހެންނަމަވެސް، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ޕާސްޕޯޓު ދޫކޮށްލި ނުވަ މީހުންގެ ތެރޭގައި ފަޒުލް އާއި ފަޒީލް ނުހިމެނެއެވެ.

މި މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ބިންވެރިޔާ ސްކީމްގެ 50 ގޯތި ވިއްކި ކަމަށެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެކި މައްސަލަތަކާ ގުޅިގެން އެޗްޑީސީން 15 މުވައްޒަފަކު މިދިޔަ ހަފުތާގައި ވަނީ ވަކިކޮށްފައެވެ.

ނަމަވެސް، އޭގެ ދެތިން ދުވަސް ފަހުން އެ މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށްފަހު، މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.