ވައްކަމުގެ ކުށް ސާބިތުވެ ގޭބަންދުކޮށްފައި ހުރި މީހަކު ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށްނެގި މައްސަލާގައި ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭގެ މާފަންނުގައި ހުންނަ ''ސްޕައި އެންޑް ޓެކް'' މޯބައިލް ފިހާރަ ދޮރު ހަލާކުކޮށްލައިގެން ވަދެ އެފިހާރައިން ވައްކަން ކޮށްފައިވާ މައްސަލާގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފޯނުތައް ހޯދާފައިވާ ކަމަށެވެ.
''ސްޕައި އެންޑް ޓެކް'' މޯބައިލް ފިހާރަ ފަޅާލައި ވައްކަންކޮށްފައިވާ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައި ވަނީ 26 ޑިސެމްބަރު 2024 ވަނަ ދުވަހުގެ 04:00 ހާއިރުއެވެ.
މި މައްސަލާގައި ފުލުހުން ވަނީ، އަޒްމީލް މުޙައްމަދު (40އ)، ރ.މީދޫ/ބުލްބުލްގެ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު އެފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 5 ފޯނު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި އަޒްމީލް މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަޒްމީލް މުޙައްމަދު އަކީ 2024 އޮކްޓޫބަރު 6 ވަނަ ދުވަހުގެ ވަގުތެއްގައި ''ކްރޭވެސް ޓޭކްއަވޭ'' ރެސްޓޯރަންޓުން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ކުށް ސާބިތުވެ 5 މަހާއި 22 ދުވަހަށް ގޭބަންދުކުރުމަށް މިއަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާއަކީ މީގެކުރިން އެކި މައްސަލަތަކާ ގުޅިގެން 59 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ، މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑްސް އޮންނަ މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!