ސްޕެއިނަށް ދަތުރުކުރަމުންދިޔަ އުޅަނދެއް ބަންޑުން ޖަހާލި ހާދިސާގައި 69 މީހުން މަރުވެއްޖެއެވެ.

މޮރޮކޯގެ އައްސޭރިފަށުގައި ސްޕެއިނުގެ ކެނަރީ ޖަޒީރާތަކަށް ދަތުރުކުރަމުންދިޔަ އެ އުޅަނދު ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މާލީގެ 25 ރައްޔިތުން ހިމެނެއެވެ.

Ad
rt

މާލީގެ ބޭރުގައި ދިރިއުޅޭ މާލީގެ ރައްޔިތުންނާބެހޭ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ 19 ޑިސެމްބަރުގައި ކަމަށާއި، އެ އުޅަނދުގައި 80 މީހުން ތިބިކަމަށެވެ. އަދި މި ހާދިސާއިން ސަލާމަތްވެފައިވަނީ އެންމެ 11 މީހުންކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހާދިސާގައި މަރުވި މާލީގެ ގިނަ ރައްޔިތުންނަކީ އެ ޤައުމުގެ ހުޅަނގު ސަރަހައްދުގައި އޮންނަ ކޭސް ސަރަހައްދުގެ މީހުންކަމަށް މިނިސްޓްރީގެ ލަފާދޭ ފަރާތެއް ކަމަށްވާ ދުލޭ ކެއިޓާ ހުކުރު ދުވަހު އެސޯސިއޭޓެޑް ޕްރެސްއަށް ދިން ބަޔާނެއްގައި ބުނެފައިވެއެވެ.

ކޭސް ސަރަހައްދުގެ މަރެނާ އަވަށުގެ މޭޔަރު މަމަދޫ ސިބީ ބުނެފައިވަނީ މަރުވި މާލީ 25 ރައްޔިތުންގެ ތެރެއިން 8 މީހުންނަކީ އެއަވަށުގެ މީހުންކަމަށެވެ. އަދި މި ޒުވާނުން ރަށުން ފުރާފައިވަނީ 7 މަސްކުރިން މޮރިޓޭނިއާގައި އިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ކަމަށާއި، ނަމަވެސް އެމީހުން ޔޫރަޕާއި އެމެރިކާގައި ތިބި އެމީހުންގެ ރައްޓެހިންނާ ގުޅައިގެން އެ ޤައުމުތަކަށް ދިއުމަށް ހިތްވަރުދިނުމުން، ގިނަ މީހުން އެމީހުންގެ އާއިލާތަކަށް އެންގުމަކާ ނުލައި މި ނުރައްކާތެރި ދަތުރު ކުރަން ނިންމާފައިވާ ކަމަށް ސިބީ ބުނެފައިވެއެވެ.

ހުޅަނގު އެފްރިކާގެ އައްސޭރިފަށުން ސްޕެއިނުގެ ކެނަރީ ޖަޒީރާތަކަށް ދަތުރުކުރާ މި މަގަކީ އެފްރިކާގެ މީހުން ސްޕެއިނަށް ދިއުމަށް އާންމުކޮށް ބޭނުންކުރާ މަގެކެވެ. މިއަހަރުގެ ޖެނުއަރީން ނޮވެމްބަރުގެ ނިޔަލަށް މި މަގުން 41,425 މީހުން ސްޕެއިނަށް ގޮސްފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ރެކޯޑު ކަމުގައިވާ 39,910 އަށްވުރެ ގިނަ އަދަދެކެވެ.