އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މިގޮތުން "އެކްސް" ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް ރާއްޖެއަށް ކުރެއްވި ތާރީޚީ ޒިޔާރަތުގެ ހަނދާން އާކުރައްވާފައެވެ. އަދި އެ ޒިޔާރަތްވެގެންދިޔައީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމުގެ މުހިންމު ނިޝާނަކަށް ކަމަށް ރައީސް ވިދާޅުވެފަވެއެވެ.

Ad
rt

މީގެ އިތުރުން، ތަމައްދުނު ހާސިލްކުރެއްވުމުގައި ޑރ. ސިންގް ދެއްކެވި ސާބިތުކަމާއި، ދެކުނު އޭޝިޔާގައި އެއްބާރުލުމާއި ތަރައްޤީ ފަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ "ލުކް އީސްޓް ޕޮލިސީ" ހަރުދަނާކުރެއްވުމުގައި އެމަނިކުފާނު އަދާކުރެއްވި އިސް ދައުރުވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މުޢިއްޒު ވަނީ، ފުން ހިތާމައިގެ މިދަނޑިވަޅުގައި ޑރ. ސިންގްގެ ޢާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.

އިޤްތިޞާދީ މާހިރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން، އިންޑިޔާގެ ބޮޑުވަޒީރުކަމުގެ އިތުރުން މަރުކަޒީ ބޭންކުގެ ގަވަރުނަރުކަންވެސް ކުރެއްވި ޑރ. ސިންގް އަވަހާރަވީ އުމުރުން 92 އަހަރުފުޅުގައި، ރޭގެ ވަގުތެއްގައެވެ.

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވެއްޖެ

މަޑުމައިތިރި އަދި ޓެކްނިކަލް ހުނަރުވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޑރ. ސިންގް ވަނީ 2004 އިން 2014 އަށް އިންޑިޔާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އޭނާގެ ވެރިކަމުގެ ދައުރުގައި އިންޑިޔާގެ އިޤްތިޞާދު ވަރަށް ބޮޑަށް ކުރިއަރައި، ނަޒާހަތްތެރި ވެރިއެއްގެ ގޮތުގައި ނަން މަޝްހޫރުވިއެވެ.