ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ޓެކްސީއެއްގައި ރޭ މެންދަމު ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ނިއްވާލައިފިއެވެ.

މިއީ ހުޅުމާލޭ ފޭސް 2ގެ ހިތިގަސްމަގުގައި ޕާކުކޮށްފައި އޮތް ޓެކްސީއެކެވެ.

Ad
rt

އެމްއެންޑީއެފްއިން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާގެ މަޢުލޫމާތު ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުނީ ރޭ މެންދަމު 3:36 ހާއިރުއެވެ.

މަޢުލޫމާތު ލިބުމާއެކު ވަގުތުން ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ. ފަޔަރ ފައިޓަރުންގެ މަސައްކަތުން ޓެކްސީގައި ރޯވެފައިވާ އަލިފާން ނިއްވާލެވުނީ 4:01 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ މަޢުލޫމާތެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ޓެކްސީގައި އަލިފާން ރޯވި ސަބަބާއި ގެއްލުމުގެ މިންވަރުގެ ތަފްސީލެއް އެ އިދާރާއަކުން ނުދެއެވެ. މި ޓެކްސީގައި ރޯވެފައިވާ މަންޒަރު ފެންނަ ފޮޓޯއިން ފެންނަގޮތުގައި މި ޓެކްސީގައި ރޯވެފައި ވަނީ ޓެކްސީގެ ކުރީ ކޮޅުގައެވެ.